ޚަބަރު

ކާށިދޫގައި އުޅެނީ ނާރުގެ ބައްޔެއް، ސީދާ ބަލި ދެނެގަތުމަށް އަންނަމަހު ދިރާސާއެއް ކުރަނީ


  • މި ބަލި ރަށުގައި އުޅޭތާ 22 ވަރަކަށް އަހަރުވެއްޖެ

  • ބަލި ޖެހިފައިވާ އެންމެ ދުވަސްވީ މީހާގެ އުމުރަކީ 70

  • ފަހަކަށް އައިސް ޒުވާން އުމުރުގައިވެސް އަލާމާތްތައް ފާހަގަވޭ

  • "ސްޕިނޯސެރެބެލަރ އެޓެކްސިއާ"ގެ އަލާމާތްތައް ފާހަގަވޭ

ކ. ކާށިދޫގައި ވާރުތަވަމުން އަންނަނީ ނާރުގެ ކޮން ބައްޔެއްކަން ދެނެގަތުމަށްޓަކާ މި ފެށޭ މަހު ދިރާސާއެއްކުރަން ފަށާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެ 22 އަހަރުގެ ކުރިން ފެށިގެން ކާށިދޫގައި އާޢިލާތަކުގެ ތެރޭގައި ނާރުގެ ސިއްޙީ މައްސަލައެއް އަންނަނީ ވާރުތަވަމުންނެވެ. އެހެންނަމަވެސް އެއީ ނާރުގެ ސީދާ ކޮން ބައްޔެއްކަމަށް މިހާތަނަށްވެސް ހޯދިފައެއް ނުވެއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން މި ބަލި ދެނެގަތުމަށްޓަކާ ކަމާބެހޭ ފަރާތްތަކުން ވަނީ މަސައްކަތް ފަށްޓަވާފައެވެ.

އެގޮތުން ސިއްޙަތާ ބެހޭ ވުޒާރާއާއި، ކަމާގުޅުން ހުރި ފަރާތްތަކުގެ ޓީމެއް ކާށިދޫއަށް ގޮސް ބަލި މީހުންނާ ބައްދަލުކޮށް ހާލަތު ވަނީ ބަލާފައެވެ. އަދި އެއީ ސީދާ ކޮން ބައްޔެއްކަން ދެނަގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ވަނީ ނިންމަވާފައެވެ.

ކާށިދޫއިން ފެނިފައިވާ ބަލީގެ އަލާމާތްތަކަކީ "ސްޕިނޯސެރެބެލަރ އެޓެކްސިއާ" ޖެހުމުން ފެންނަ އަލާމާތްތަކެއްކަން ފަހަގަކުރެވިފައިވާކަމަށް ސިއްޙީ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ. އަޙްމަދު އަޝްރަފް ވިދާޅުވިއެވެ. "ސްޕިނޯސެރެބެލަރ އެޓެކްސިއާ" އަކީ އަތާއި ފައިގެ ހަރަކާތްތަކަށާއި، ލޮލާއި ވާހަކަދެއްކުމަށް އަސަރުކުރާ "ކޯޑިނޭޝަން އެންޑް ބެލެންސް" ގެ އުނދަގޫތަކެއް ދިމާވާ ވަރަށް މަދުން ނޫނީ ނުފެންނަށް ބައްޔެކެވެ. މިއީ ޖެނިޓަކަލީ ވާރުތަވަމުން އަންނަ ބައްޔެކެވެ.

ޑރ. އަޝްރަފް ވިދާޅުވީ، މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ސީދާކޮށް ހިނގަން އުނދަގޫވުމާއި، ވަކި އެއްޗެއްގައި ހިފައްޓަށް އުނދަގޫވުމާއި ވާހަކަދެއްކުމާއި ލޮލުގެ ހަރަކާތްތަކުގައި އުނދަގޫތަކެއް ހުރުން ހިމެނޭކަމަށެވެ. އަދި މި ޢަލާމާތްތައް ހުރެގެން ބައެއް ޓެސްތްތައް ހެދުނު ނަމަވެސް، އެކި ޓެސްޓްތަކުން ތަފާތު ނަތީޖާ ދައްކާކަމަށާއި މިއީ ސީދާ ކޮން ބައްޔެއްކަން އިނގޭނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންގެ ސާމްޕަލްތައް ނަގާ ޓެސްޓްތައް ހެދިގެންކަމަށެވެ.

ޑރ. އަޝްރަފް ވިދާޅުވީ، މި ބައްޔަކީ ފުރާނައަށް ނުރައްކަތެރި ބައްޔެއް ނޫންނަމަވެސް، ދުވަސްވާވަރަކަށް މީހާ ވަރަށް ބޮޑަށް ނުކުޅެދޭ ވަރުކޮށްލާ ބައްޔެއްކަމަށެވެ.

"10 އަހަރާއި 20 ދެމެދު ބައްޔަށް ޑައިގްނޯސްވެއްޖެނަމަ ހާލަތު ދެރަވަމުން އައިސް ވީލްޗެއަރގައި އުޅޭ ހިސާބަށްދޭ. އުމުރުން ދުވަސްވެފައިވައިވާ މީހުންނަށް އާންމުގޮތެއްގައި މިހެން މިވަނީ. ނަމަވެސް ޅައުމުރުގައި މިހެން ދިމާވާނަމަ ސީދާ ކޮންވައްތަރެއްގެ އެޓްކްސިއާއެއްކަން އިނގޭނީ، ޖެނެޓިކް ޓެސްޓްކުރުމަށްފަހުގައި. ވަކި ސަރަޙައްދެއްގައި މިފަދަ ކޭސްތައް ގިނަވެގެން އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައެއް ނުވޭ." ޑރ. އަޙްމަދު އަޝްރަފް ވިދާޅުވިއެވެ.

މި ބައްޔަކީ ސީދާ ކޮން ވައްތަރެއްގެ ބައްޔެއްކަން ދެނެގަތުމަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ސިއްޙީ ވުޒާރާއާ ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ދިރާސާއެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ ވިދަޅުވީ މިއީ ހަމައެކަނި ކާށިދޫގައި ކުރިއަށްގެންދާނެ ދިރާސާއެއް ކަމަށެވެ. އެގޮތުން ކާށިދޫގައި ބަލި ޖެހިފައި ތިބި މީހުންގެ ސާމްޕަލްތައް ނަގާ ދިރާސާ ކުރުމުގެ މަސައްކަތް މި ފެށޭމަހުގެ ފުރަތަމަ ހަފްތާގައި ފެށޭ ވަރުވާނެކަމަށެވެ.

"މިދިރާސާ ކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކާށިދޫއަށް. ބަލި ޖެހިފައި ތިބި މީހުންގެ ސާމްޕަލްތައް ނަގާފައި ޓެސްޓްކުރާނެ." ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާ ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ މި ދިރާސާ ކުރުމަށްޓަކައި ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ހެދުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

އެގޮތުން ރިސަރޗް ޕްރޮޕޯސަލް ތައްޔާރުކޮށް ރިސަރޗް ކައުންސިލަށް ހުށަހަޅާ، ރިސަރޗްގެ ކަންތައްތައް ކުރިއަށް ގެންދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޕްރޮޕޯސަލްގައި ސާމްޕަލްތައް ނަގާނެ މީހުންނާއި އަދަދުތައް ކަނޑައެޅިގެންދާނެކަމަށްވެސް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން، ކާށިދޫގައި 5 ވަރަކަށް އާއިލާއެއްގެ 30 ހަކަށް މީހުން މި ބަލި ތަޙައްމަލުކުރަމުންދާކަމަށެވެ.

މީގެ ކުރިން މި ބަލި ބޮޑަށް ފާހަގަކުރެވުނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ކިބައިންނަމަވެސް، ފަހަކަށް އައިސް ޅައުމުރުގައިވެސް އަލާމަތްތައް ފާހަގަކުރެވިފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ކާށިދޫގައި މިވަގުތު އެ ބަލީގައި ދާންމަތިވެފައި 2 މީހަކު އެބަތިބިކަމަށެވެ. އަދި ހިނގާބިނގާވެ ނޫޅޭވޭ ހާލަތުގައި 3 މީހަކު ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ބަލި ޖެހިފައިތިބީ މީހުންގެ ތެރޭގައި ގޮނޑީގައި ތިބޭ މީހުންނާއި އެނދުމަތިވެފައި ތިބި މީހުން ހިމެނޭ. ބައެއްމީހުންނަށް ހަދަން ދީފައި ހުރި ޓެސްޓްތައް ނުހެދި ހުރިކަން ފާހަގަކުރެވުނު. މިސާލަކަށް ސީޓީ ސްކޭން އާއި އެމްއާރްއައި ހެދުން ފަދަ ކަންކަން. އެ ޓެސްޓްތައް ނުހެދި ހުންނަނީ އެޕޮއިންޓްމަންޓް ހައްދައިގެން އައުމުގައި ހުރި ދަތިތަކުގެ ސަބަބުން. މި ބަލީގެ ސަބަބުން ފަރުވާ ދިނުމަށްޓަކައި ބޭނުންވާ ވަޞީލަތްތައް ފޮނުވާ އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވޭ." ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ވިދާޅުވިއެވެ.

ކާށިދޫ ހެލްތު ސެންޓަރުން ވިދާޅުވިގޮތުގައި އެރަށުން މި ބަލި ފެނިފައިވާ މީހުންގެ ތެރޭގައި އެންމެ ދުވަސްވީ މީހާގެ އުމުރަކީ 70 އަހަރުކަމަށާއި، އެންމެ ޒުވާން އުމުރަކީ 18 އަހަރު ކަމަށެވެ.

މި ބައްޔަށް ވަކި ފާރުވާއެއް ނެތްނަމަވެސް ހެލިފެލިވެ އުޅުމާއި، ފިޒިއޮތެރަޕީ ދޭން ފެށުމުން، ޙާލަތު ގޯސް ނުވެ، އެއްވަރެއްގައި ހިފެހެއްޓި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާކަން ސިއްޙީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. އެހެންކަމުން ކާށިދޫ ހެލްތު ސެންޓަރުން ވަނީ އެރަށުގައި ކަސްރަތު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށް ހެލްތު މިނިސްޓްރީގައި ދަންނަވާފައެވެ.

މިކަމަށް އިޖާބަދިނުމުގެ ގޮތުން ކުރެވުނު މަޝްވަރާތަކަށްފަހު ކާށިދޫގައި ރިހެބިލިޓޭޝަން ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަށާއި ތެރަޕިސްޓުން ފޮނުވައިގެން ބަލިމީހުންނަށް ބޭނުންވާ ޑިވައިސްތައް ދެނެގަނެ އެތަކެތި އަވަހަށް ފޯރުކޮށްދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައެވެ. އަދި ބަލި މީހުންނަށް ކައުންސިލިންގ ދެވޭނެ ހަމަޖެއްސުމާއި، ބަލީގެ މީހުންނާއި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ބަލާ، މާލީ އެހީތެރިކަން ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ.

ބަލީގެ ރެކޯޑްތައް ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށްވެސް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.