ޚަބަރު

ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުން ހުއްދައެއް ނޫން: ފިޤްހު އެކަޑަމީ


  • ބައެއް ދިވެހިން ޖިހާދުގެ ނަމުގައި ދާކަން ފާހަގަވާކަމަށް

  • އެއީ ޖިހާދު ނޫންކަމަށް މިހާރުގެ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ

  • އެއީ އެޤައުމުތަކުގެ މަސްލަޙަތު އިތުރަށް ގޯސްވާނެ ކަމެއް

  • ރައްކާތެރިކަން ދެއްވުމަށް ދުޢާކޮށް އެއްބާރުލުން ދިނުމަށް އެދޭ

ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ޤައުމުތަކަށް، ޖިހާދުގެ ނަމުގައި ދިއުން ހުއްދަނޫންކަމަށް ފިޤްހު އެކަޑަމީން ވިދާޅުވެއްޖެއެވެ.

ފިޤްހު އެކެޑަމީން މިފަދައިން ވިދާޅުވެފައިވަނީ ދާޚިލީ ހަމަނުޖެހުންތައް ހިނގަމުންދާ އިސްލާމީ ބައެއް ޤައުމުތަކަށް ޖިހާދުގެ ނަމުގައި ހަނގުރާމައަށް ދިއުމުގެ ޙުކުމާއި ބެހޭގޮތުން ފިޤްހު އެކެޑަމީން ނެރުއްވާފައިވާ ފަތުވާގައެވެ. އެ އެކަޑަމީން ވިދާޅުވީ އިސްލާމީ ބައެއް ޤައުމުތަކަށް ޖިހާދުގެ ނަމުގައި މަދުން ނަމަވެސް ދިވެހިން ދާކަން ފާހަގަކުރެވިފައިވާކަމަށެވެ. ނަމަވެސް އެއީ ހުއްދަ ކަމެއް ނޫންކަމަށް އެހަރާއި މިހާރުގެ ޢިލްމުވެރިން ފަތުވާ ދެއްވާފައިވާކަމަށް ފިޤްހު އެކަޑަމީންނެރުއްވި ފަތުވާގައި ވިދާޅުވިއެވެ.

ފިޤްހު އެކެޑަމީން ނެރުއްވާފައިވާ ފަތުވާގައިވަނީ، އިސްލާމީ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަކީ އިސްލާމީ ޤައުމުތަކާއި ދެކޮޅަށް ރޭވިފައިވާ ސިލްސިލާ މުންކަރާތްތަކުގެ ތެރެއިން ކަމެއްކަމަށެވެ. އެގޮތުން ސީރިޔާ ފަދަ ހަނގުރާމަ ހިނގަމުންދާ މުސްލިމު ޤައުމުތަކަށް، ޖިހާދުގެ ނަމުގައި މުސްލިމު ޤައުމަކުން ދިއުމަކީ، މުސްލިމުންގެ ދުޝްމަނުންގެ ކުރިމަތީގައި އިސްލާމީ ޤައުމުތަކުގެ ކަންތައްތަކާ ބެހުމަށް ހުޅުވިގެންދާ ދޮރެއް ކަމަށް ފިޤްހު އެކެޑަމީން ވިދާޅުވެއެވެ.

މިފަދަ ޙާލަތްތަކުގައި ކީރިތި ރަސޫލާ އަންގަވާފައިވަނީ ހަނގުރާމައިގެ ތެރޭގައި ތާށިވެފައި ތިބި މުސްލިމުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރުމަށާއި، އުންމަތުގެ ވަޙްދަތަށްޓަކައި މަސައްކަތްކުރުމަށް ކަމަށް ފިޤްހު އެކެޑަމީން ނެރުއްވާފައިވާ ފަތުވާގައި ވެއެވެ.