ޚަބަރު

"ފުޑް އޭޝިއާ 2016"ގައި ދިވެހި ޓީމެއް ބައިވެރިވެއްޖެ


ސިންގަޕޫރުގައި ކުރިޔަށްދާ "ފުޑް އޭޝިއާ 2016" ގައި ޝެފް ގިލްޑް އޮޕް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މިމަހުގެ 12 ން 15 އަށް ކުރިޔަށްދާ މި މުބާރާތުގައި ބައިވެރިވާ ދިވެހި ޓީމުން ބައިވެރިވެފައިވަނީ އެފްއެޗްއޭ ކަލިނަރީ ޗެލެންޖުގެ ބައިގައެވެ. މި ޓީމުގައި ހިމެނެނީ 4 ބައިވެރިންނާއި 4 އޮފިޝަލުން ކަމަށް ޝެފް ގިލްޑް އޮޕް މޯލްޑިވްސުން ބުނެއެވެ.

ރާއްޖޭގެ ޓީމުން މި މުބާރާތުގައި ވާދަކުރުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ' ވަން ފްރީ ސްޓައިލް ވެޑިންގ ކޭކް، ޑްރެސް ދަ ކޭކް، ހޮޓް ކުކިންގ ލައިވް އަދި ނެޕްޓިއުން ސީފުޑްގެ ބައިންނެވެ. މިއީ ޝެފް ގިލްޑް އޮފް މޯލްޑިވްސް އުފުދުނު ފަހުން، ރާއްޖޭއިން ބޭރުގައި ބާއްވާ ބައިނަލްއަޤްވާމީ ކަލިނަރީ މުބާރާތެއްގައި ދިވެހިރާއްޖޭގެ ޓީމެއް މިފަދަ ގޮތަކަށް ބައިވެރިވާ ފުރަތަމަ ފަހަރުއެވެ.

ދިވެހި ޓީމުގައި މީގެ ކުރިން ބައިނަލްއަޤްވާމީ މުބާރާތްތަކުން ވަނަތައް ހާޞިލުކޮށްފައިވާ ފަރާތްތައް ހިމެނޭ ކަމަށް ޝެފް ގިލްޑް އޮފް މޯލްޑިވްސުން ބުނެއެވެ. އެފް.އެޗް.އޭ ކަލިނަރީ ޗެލެންޖު 2016 ގައި ދުނިޔޭގެ އެކިކަންކޮޅުތަކުން 800 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވާނެއެވެ.