އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ ނަބާ ނިޝާން ހޯދައިފިއެވެ.
ވިއެޓްނާމުގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ނަބާ އިއްޔެ ވާދަކޮށްފައިވަނީ ރާއްޖޭގެ މަންހާ މުޙައްމަދާވެ. މި މެޗުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ނަބާ މޮޅުވިއިރު، މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-0 އަދި 6-1 އިންނެވެ.
އޭޝިއާ 14 އަހަރުން ދަށުގެ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ދެވަނަ ހަފުތާގެ މުބާރާތްވެސް ނަބާ ކާމިޔާބުކުރިއިރު، ފުރަތަމަ ހަފުތާގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަންވެސް އޭނާ ވަނީ ހޯދާފައެވެ. އެއީ ފައިނަލުގައި ސްރީ ލަންކާގެ އަންނަޔާ ޖޯނީ ނޯބާޓް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-1 އަދި 6-0 އިންނެވެ. މިއީ މި ފެންވަރުގެ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިޔަކު ހޯދީ ތާރީޚީ ކާމިޔާބެކެވެ.
މީގެ އިތުރުން އައިޓީއެފް އޭޝިއާ 14 އަހަރުން ދަށުގެ ޓެނިސް ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިން އިވެންޓުގައި ރާއްޖޭގެ ނަބާ އާއި މަންހާގެ ޕެއާ ވަނީ އަންހެނުންގެ ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށްފައެވެ. އަދި ރާއްޖޭހެ އާދަމް އާލް ނިޔާޒް އާއި މީކާ މުޙައްމަދު ކަލީމުގެ ޕެއާ ވަނީ ފިރިހެން ޑަބަލްސް ބައިގެ ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ.
މި މުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ރާއްޖެ، ލަންކާ، ލާއޯސް، ކެންބޯޑިއާ، މޮންގޯލިއާ އަދި ބްރޫނާއީ ދާރުއްސަލާމް ހިމެނޭހެން އަށް ގައުމެއްގެ ކުޅުންތެރިން ވާދަކުރިއެވެ.
ސިންގަލްސް އަދި ޑަބަލްސް އިވެންޓުތައް ހިމެނޭ މި މުބާރާތް ރާވާފައި އޮތީ ވަކިވަކި މެޗުތަކުން އެންމެ މަތިން ރޭންކް ކުރެވޭ ދެ ގައުމަކަށް ފައިނަލް ބުރުގެ ޖާގައެއް ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް ބުރު އޮންނާނީ އަންނަ އެޕްރީލް މަހު އިންޑިއާގައެވެ.