ޚަބަރު

ތައިލެންޑާއި ޔޫއޭއީން ބޭސްފަރުވާ ކުރުމާގުޅޭ މަސައްކަތް އާސަންދައިން އަންނަނީ ކުރަމުން


  • އާސަންދައިން މިވަގުތު ބޭސްފަރުވާއަށް ފޮނުވަނީ އިންޑިއާ އާއި ސްރީލަންކާއަށް

  • ތައިލެންޑާއި، ޔޫއޭއީން މިޚިދުމަތް ލިބޭނެ އިންތިޒާމްދަނީ ހަމަޖައްސަމުން

  • ހުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސް ވިދާޅުވި

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ތައިލެންޑާއި ޔޫއޭއީއަށް ބަލިމީހުން ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާއެކު ކުރައްވަމުން ގެންދާވާ ކަމަށް އާސަންދަ ކުންފުނިން ހާމަކުރައްވައިފިއެވެ.

އާސަންދައިން މިކަން ހާމަކުރައްވާފައިވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ ނޫން އެހެން ޤައުމުތަކަށް ބަލިމީހުން ފޮނުވަން އާސަންދަ ކުންފުނިން "ދެކޮޅު" ކަމަށްބުނެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުގައި ހިމަނާފައިވާތީ އެކަމާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.

މިބަޔާނުގައިވަނީ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސް.އޯ.އީ ކޮމިޓީގައި މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި، އާސަންދަ ޚިދުމަތް އިތުރު ޤައުމުތަކަށް ފުޅާކުރުމުގެ ވިސްނުމެއް ނެތްކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވެފައިވާއިރު ސަރުކާރުން މިޚިދުމަތް ފުޅާކުރުމަށް ނިންމާ އެކަން އޭރު އިޢުލާންކޮށްފައި ނުވާކަމަށެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ތައިލެންޑާއި ޔޫއޭއީއަށްވެސް މިސްކީމްގެ ދަށުން ބަލިމީހުން ފޮނުވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ މާލެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ ތައިލެންޑާއި، ޔޫއޭއީފަދަ ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ޤައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށެވެ. އަދި އާސަންދައިގެ ދަށުން ހުރުމުގެ ޚަރަދުވެސް ސަރުކާރުން ހަމަޖައްސަވާދެއްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން އިތުރު ޤައުމުތަކުން ފަރުވާ ހޯދޭނެ އިންތިޒާމް ހަމަޖައްސަމުންދާއިރު، އާސަންދައިގެ ޚިދުމަތް ފުޅާކޮށް މީގެކުރިން ނުކުރެވޭ ގިނަ ފަރުވާތަކެއް އަސަންދައިން ކުރެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ.