ޚަބަރު

ސިޔާސަތަކީ ތަރައްޤީއާއި ތިމާވެށީގެ ލަނޑުދަނޑިތައް އެއްހަމަކުރުން: ވަޒީރު ޠާރިޤް


  • މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު ބޮޑުކަމަށް ވިދާޅުވި

  • މިފޯރަމްގައި އެކި ޤައުމުތަކުން 80އަށް ވުރެ ގިނަ ފަރާތުން ބައިވެރިވި

  • މިފޯރަމް ކުރިއަށް ގެންދިޔައީ 4 ދުވަހުގެ މުއްދަތަށް

ރާއްޖޭގެ ސިޔާސަތަކީ ތަރައްޤީ އާއި ތިމާވެށީގެ ލަނޑުދަނޑިތައް އެއްހަމަ ކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އެވުޒާރާއާި އިނގިރޭސިވިލާތުގެ އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ގުޅިގެން ކުރިއަށް ގެންދިޔަ މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސް ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމެއްކަމަށާއި މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާ މިންވަރު ބޮޑުކަމަށެވެ. އެހެންކަމުން، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ޒަރޫރީކަމެއް ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ ޤައުމުގެ ތަރައްޤީގެ ލަނޑުދަނޑިތަކަކީ، ތިމާވެށީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރެވޭ ލަނޑުދަނޑިތަކަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. މިއަމާޒަށް ވާސިލްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިތުރު 3 ބަޔޮސްފިއަރ ރިޒަރވް އާއި ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމްކުރުމަށް ވަޢުދުވެވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. މިކަމަކީ ތިމާވެއްޓާއި ތަރައްޤީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން އެޅޭ ފުރަތަމަ ފިޔަވަޅުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ކެރޮން ރޮސްލަރގެ ވާހަކައިގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ އެކަމަށް މަސައްކަތްތަކެއް ކޮށްގެންކަމަށެވެ.

ހަތަރު ދުވަހަށް ކުރިއަށްދިޔަ މިފޯރަމްގައި އެކި ޤައުމުތަކުން 80 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެ، މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މިފޯރަމްގައިވަނީ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކާއި އިތުރު 3 ބަޔޮސްފިއަރ ރިޒަރވް ޤާއިމްކުރުމަށް އިއުލާންކޮށްފައެވެ. އަދި، 6 ފަރާތަކަށް މެރިން ސައިންސް މާސްޓަރސް ސްކޮލާޝިޕްވެސް އަރުވާފައިވެއެވެ. މީގެއިތުރުން މިފޯރަމްގައި ވަނީ ޕްރޮޓެކްޓެޑް އެންޑް ކޮންޒަރވްޑް އޭރިއާސްގެ ތަފްސީލީ މައުލޫމާތު އާންމުންނަށް ދިނުމަށްޓަކައި ވެބްސައިޓަކާއި އަތްމަތީ ފޮތެއްވެސް ތައާރަފްކޮށްފައިވެއެވެ.