ޚަބަރު

ޗައިނާއާއި ރާއްޖެއާ ދެމެދު ޗަރޓަރ ދަތުރުތަކެއް އަންނަމަހު 14 ގައި ފަށަނީ


  • ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބަސްވުން ޤާއިމުކޮށްފައި

  • ކޯވިޑްގެ ކުރީގައި ޗައިނާއަކީ ރާއްޖޭގެ 1 ނަންބަރ މަރކެޓް

  • ރައީސްގެ ޢަމާޒަކީ ފަތުވެރިން އަންނަ ޢަދަދު 2 ގުނަކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޤާއިމުކުރެވި އެއްބަސްވުމުގެ ދަށުން، އަންނަ މަހުގެ 14ވަނަ ދުވަހުން ފެށިގެން ޗާރޓަރ ދަތުރުތަކެއް ރާއްޖެއަށް ފެށުމަށް އެ ޤައުމުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވާންގްލީ ޒިންގް ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ސަފީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާގެ މަރކެޓް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެ ޤައުމުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ފުރަތަމަ ޗަރޓަރ ފްލައިޓްގެ ދަތުރުތައް ޗައިނާ ފޫޖީ ސިޓީން، ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހުކަމަށް ސަފީރު ވިދާޅުވިއެވެ. ފުރަތަމަ ފަށާއިރު ޗަރޓަރ ދަތުރުތައް ބޭއްވި ނަމަވެސް، ޑިމާންޑަށް ބަލާ ކޮމަރޝަލް ދަތުރުތައްވެސް ފައްޓަވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށާއި އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނައުމަށްވެސް މަޝްވަރާކުރެވުނުކަމަށެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ބާއްވާ ސީދާ ދަތުރުތައް އިތުރުކުރުމަށް މުހިއްމު މަޝްވަރާތަކެއް ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަހަރުގެ މާރޗް ހިސާބުގައި ޗައިނާގެ ޝިއަމެން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ހަމަޖެހިފައިވާކަމަށެވެ. އަދި ޗައިނާގައި ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްތައްވެސް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެކެވެ. 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 187،118 ފަތުރުވެރިންކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ.

ސަރުކާރުގެ ޢަމާޒަކީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދެގުނަ އިތުރުކުރުމެވެ.