އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މި މަހުގެ 13 ވަނަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކުލަބު ޓީނޭޖް ހާޒިރުނުވުމުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެ ކުލަބު ޖޫރިމަނާކޮށްފިއެވެ.
އެ ދުވަހު ކުޅެން އޮތް މެޗަށް ނިއު ރޭޑިއަންޓް ހާޒިރުވި ނަމަވެސް، ޓީނޭޖުގެ ކުޅުންތެރިން ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން މެޗު ފަށަން ކުޑަތަންވިއިރު, ދަނޑަށް ހާޒިރުވީ އެ ޓީމުގެ އެންމެ ދެ ކުޅުންތެރިން ކަމަށް މައުލޫމާތުލިބެއެވެ. އެހެންކަމުން މެޗު ކޮމިޝަނަރު ވަނީ ޓީނޭޖް ދަނޑަށް ހާޒިރުނުވާ ކަމަށް ނިންމައި، އެ މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ކަމަށް ނިންމާފައެވެ. އެއާއެކު އެ ޓީމަށް ވަނީ ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ލިބިފައެވެ.
އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފަވަނީ މުބާރާތުގެ 14 ވަނަ މެޗަށް ޓީނޭޖުގެ އޮފިޝަލުންނާއި ކުޅުންތެރިން ހާޒިރުވެފައި ނުވާތީ، މުބާރާތުގެ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ 11.4 ގައި ވާ ގޮތުން މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު މެޗުގައި ކުޅެން ހަމަޖެހިފަވާ ކުލަބު ދަނޑަށް ހާޒިރުވެފައި ނުވާތީ، 30،000 (ތިރީސްހާސް) ރުފިޔާއިން ޓީނޭޖް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށްވެސް އެފްއޭއެމުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެ މެޗަކީ ނިއު ރޭޑިއަންޓުން ދެވަނަ ޑިވިޝަނުގައި ކުޅެން ތާވަލުކުރި ދެވަނަ މެޗެވެ. އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ކުޅެން އޮތް މެޗަކީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އެކަމަކު ވިއްސާރަވުމުގެ ސަބަބުން އެ މެޗު ވަނީ މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ނިއު ރޭޑިއަންޓް މެޗަށް ޓީނޭޖް ހާޒިނުވިއިރު، މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ ފަސްވަނަ ދުވަހު ނުކުތީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން ޓީނޭޖް ވަނީ 6-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.