ޚަބަރު

ތަމްރީނާއި ތަރުބިއްޔަތަކީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ވަރަށް މުހިއްމު ބައެއް: އިޙްސާން


  • ވަޒީރު މިހެން ވިދާޅުވީ ދިރާގުން ހިންގި 15 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި

ތަމްރީނާއި ތަރުބިއްޔަތަކީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން ޚާސިލްކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ 2023 ވަނަ އަހަރުގެ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށާއި އަލަށް ބައިވެރިވި ފަރާތްތަކަށް މަރްޚަބާ ދެންނެވުމަށް ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރާއިރު މަސައްކަތުގެ ތަޖުރިބާކާރު މީހުންނާއެކު މަސައްކަތްކޮށް އެމީހުންގެ ކިޔައިދޭ ގޮތަށް އަމަލުކޮށް، އެފަރާތްތަކަށް ލިބިފައިވާ ތަޖުރިބާ އެޕްރެންޓިސްޝިޕް މުއްދަތުގެ ތެރޭގައި ދަސްކުރުމަކީ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްގެ ތެރެއިން ލިބޭނެ އެންމެ މުހިންމު އަދި ފައިދާ ހުރި ފިލާވަޅު ކަމަށެވެ.

"މިފަދަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަކީ ރާއްޖޭގެ އެހެން ކުންފުނިތަކުން، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ދިވެހިރާއްޖޭގައި މިއޮތް ދިރާގު ފަދަ ކުންފުންޏެއް ނަމޫނާއަކަށް ބަލައިގެން މިފަދަ ޕްރޮގްރާމް ޑިޒައިންކޮށް، އެކުންފުނިތަކުގައިވެސް ސީއެސްއާރް ކޮންޕޮނެންޓް ޑިޒައިންކޮށްގެން ކުރިއަށްގެންދަން ޖެހޭވަރުގެ ޕްރޮގްރާމެއް. ރާއްޖޭގެ ތަރައްޤީގައި އަދި ރާއްޖެ ކުރިއެރުމުގައި ދިރާގުގެ ދައުރު އެއީ އަޅުގަނޑުމެން އެންމެން ބަލައިގަންނަންޖެހޭވަރުގެ ފުޅާ އަދި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެއް" ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދިރާގުން އަހަރަކު އެއްފަހަރު ހިންގުމުގެ މައިގަނޑު މަޤްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމަށާއި ވަޒީފާގެ ތަޖުރިބާ ލިބިގަންނާނެ ފުރުސަތުތައް ހޯދައިދިނުމަށްކަމަށެވެ. އެގޮތުން މިއީ މިހާތަނަށް ދިރާގުން ހިންގި 15 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން އެކި ދާއިރާތަކުގެ ވަޒީފާތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާކަމަށެވެ. އޭގެ ތެރޭގައި ފައިނޭންސް، މާކެޓިން، ސޭލްސް އެންޑް އިނޮވޭޝަން އެޗްއާރް އަދި ކަސްޓަމަރ ސާވިސް ފަދަ ދާއިރާތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޕްރޮގްރާމަކީ މާލޭގެ އިތުރުން ދިރާގުގެ ހެޑް އޮފީސް ހުންނަ ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައިވެސް، އެރަށެއްގައި ތިބެގެން ތަމްރީންވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

"ގާތްގަނޑަށް 80 ޓު 90 % ކުދިން ވަރަށް ރަނަގޅު ވަޒީފާތކުގައި ހުރިހާ ކުދިންންވެސް. ސަރުކާރުގެ ބައެއް ތަންތާގައި ޑެޕިއުޓީ މިނިސްޓަރ ލެވެލްގައވެސ ްމިހާރު އެބައުޅުއްވާ. ބައެއް ކުންފުނިތަކުގެ އެމްޑީ ނުވަތަ ވަރަށް މުހިންމު ވަޒީފާތަކުގައި އެބައުޅޭ. ގާތްގަނޑަކަށް 100% ކުދިންނަސް ރަނގަޅު ވަޒީފާތައް ލިބި، ރަނގަޅު ކެރިއަރއެއް ބިލްޑު ކޮށްގެން ކުރިއަށްދާކަން އެއީ މި ޕްރޮގްރާމްގެ ކާވމިޔާބު ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން." ސީއިއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދަމުން އަންނަ ޕްރޮގްރާމެކެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 268 ބަައިވެރިން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މިއީ ވަޒިފާގެ މާހައުލަށް އަލަށް ވަންނަ ކުދިން ތަމްރީންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަމާޒަކީ ކުރިއަށް އޮތްތާނގައި ޒުވާނުން މަސައްކަތުގެ މައިދާނަށް ހަރުދަނާކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރަށް ކުރިއަށް ގެންދިއުން ކަމަށް ދިރާގުން ބުނެއެވެ.