ޚަބަރު

މިދިޔަ އަހަރު ދައުލަތަށް 31.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް


  • ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 32.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • 2022ވަނަ އަހަރު ލިބުނީ 28.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް

  • ދައުލަތުގެ ޖުމްލަ ޚަރަދު އުޅެނީ 46.8 ބިލިއަން ރުފިޔާގައި

މިދިޔަ އަހަރު ނިމުނު އިރު، ދައުލަތަށް އާމްދަނީގެގޮތުގައި 31.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން ނިމުނު އަހަރުގެ ޑިސެމްބަރުމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 31.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އެ އަހަރުތެރޭ ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 32.4 ބިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 2022ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ 28.9 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 10 އިންސައްތަ އިތުރު އަދަދެކެވެ.

މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި ހިމެނެނީ، ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 22.8 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 8.1 ބިލިއަން ރުފިޔާއާއި، އެހީގެ ގޮތުގައި ލިބުނު 515.5 މިލިއަން ރުފިޔާއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑު ޕްރޮޕަރޓީ ޓެކްސް، ބީޕީޓީއާއި، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

އާމްދަނީގެ ހިސާބުތައް:

• އިމްޕޯޓް ޑިއުޓީން 3.3 ބިލިޔަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 12.2 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 927.7 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖް އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 927.7 މިލިއަން ރުފިޔާ

މިދިޔަ ޑިސެމްބަރުމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހިނގާފައިވާގޮތުގެ ތަފްސީލަށް ބަލާއިރު، ޖުމްލަ ޚަރަދު އުޅެނީ 46.8 ބިލިއަން ރުފިޔާގައެވެ.

އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 31.7 ބިލިއަން ރުފިޔާއާއި، ކެޕިޓަލް ޚަރަދަށް ހިނގި 15.1 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 11.9 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 19.2 ބިލިއަން ރުފިޔާއެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.