ޚަބަރު

ބޭރު މަގުގައިހުރި ފިއުލް ޕަމްޕު ސްޓޭޝަން ނަގަން އެމްޓީސީސީއަށް


  • ޕަމްޕް ސްޓޭޝަން ބަދަލުކުރާނީ ފަޅުތެރެއަށް

  • 60 ދުވަހުގެ ތެރޭ މަސައްކަތް ނިންމާނެ

  • މަގު ބޭނުންކުރާ މީހުންނަށް ދަތިވޭ

މާލޭ ބޮޑުތަކުރުފާނު މަގުގައިހުރި ފިއުލްޕަމްޕް ސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. ފިއުލްޕަމްޕު ސްޓޭޝަން ބަދަލުކުރުމަށް ނިންމާފައިވަނީ އެދިމާލު ފަޅުން ބައެއް ހިއްކުމަށްފަހު އެތަނަށެވެ.

މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފިއުލް ޕަމްޕް ސްޓޭޝަން އެތަނުން ނެގުމަށް ނިންމެވީ، އެ ސްޓޭޝަން އެތަނުގައި ހުރުމުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާތީކަމަށެވެ. ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރުމަށްކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ އެމްޓީސީސީ އާއި މަޝްރޫޢު ހަވާލުކޮށްފައިވަނީ، މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށްކަމަށެވެ. އަދި މަޝްރޫޢަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސްޓެލްކޯގެ އަމިއްލަ ބަޖެޓުންކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

"މި ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް މިކުރަނީ އަޅުގަނޑުމެން ވަރަށް ބޮޑު ހޭދައެއްކޮށްގެން. އެގޮތުން 1.7 މިލިއަން ރުފިޔާ މި ޕްރޮޖެކްޓަށް އަޅުގަނޑުމެންގެ ބަޖެޓުން އެބަ ހޭދަކުރަން." ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ ޢަބްދުﷲ ޒިޔާދު ވިދާޅުވީ އައު ޕަމްޕް ސްޓޭޝަން ޤާއިމްކުރުމަށް ފަޅުގައި ކޮންކްރީޓު ޝީޓެއް އަޅާނެކަމަށާއި، އެ ޝީޓު އަޅާނީ މޫދުގައި ސާރވޭ ކުރުމަށްފަހު، އެންވަޔަރަމަންޓަށް ޕްރޮތެކްޝަން އެޖެންސީ، އީޕީއޭގެ ހުއްދައާއެކުކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓު އީޕީއޭގެ އެޕްރޫވަލް ލިބޭ ހިސާބުން 2 މަސްތެރޭ މި މަސައްކަތް ނިމޭނެކަމަށް އަޅުގަނޑުމެން ލަފާ ކުރަނީ. ސާރވޭ ހެދުމަށްފަހު ޝީޓް ޕައިލްކޮށް ޕްލެޓްފޯމު ހަދަންޖެހޭ ފެނުގައި." ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ހުރި ސްޓެލްކޯގެ ޕަމްޕަ ސްޓޭޝަން ތަޅާލާނީ އައު ޕަމްޕް ސްޓޭޝަން އަޅާ ނިމުމުން ކަމަށެވެ. އަދި އައު ޕަމްޕް ސްޓޭޝަނާއެކު ބައު ސްޓޭޝަން ހުރިތަންވެސް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. މިއާއިއެކު ހައިވޭ ބޭނުންކުރުމުގައި ޢާންމުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ޒިޔާދު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ ސްޓެލްކޯގެ ފިއުލް ޕަމްޕް ސްޓޭޝަނަކީ މާލޭގައި ހުންނަ ސްޓެލްކޯގެ ޕަވަރ ޕްލާންޓަށް ޑީސަލް އެޅުމަށް ބޭނުންކުރާ ސްޓޭޝަނެވެ. ސްޓެލްކޯއިން ބުނީ ޕަމްޕް ސްޓޭޝަން ބަދަލުކުރުމުގެ މަސައްކަތް ކުރެވޭނީ، ޚިދުމަތްތަކަށް ބުރޫ ނަރާނެގޮތަށްކަމަށެވެ.

ބޮޑުތަކުރުފާނު މަގުގައިހުރި ފިއުލްޕަމްޕް ސްޓޭޝަން އެތަނުން ނެގުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާދެވެ.

ސްޓެލްކޯއިން އަންނަނީ ޓްރެފިކް ފްލޯއަށް އުނދަގޫވާނެހެން ހުރި އެކުންފުނީގެ އެހެން ބައެއް ޢިމާރާތްތައް ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން މީގެ އަހަރުތަކެއްކުރިން، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ސްޓެލްކޯގެ ޢިމާރާތާ އިންވެގެން އޮންނަ ދޮންއަނދަރާދަ ހިނގުން ޓްރެފިކަށް ހުޅުވާލުމުގެ މަސައްކަތްވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.