ޚަބަރު

ކުނިގޮނޑުން ފެނުނު ކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި މީހާއަށް ދައުވާކޮށްފި


  • ކުއްޖާ ފެނުނީ 3 ޑިސެމްބަރު 2023 ގައި

  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކުއްޖާގެ މަންމަކަމަށް ތުހުމަތުކުރޭ

  • ސްރީލަންކާގެ އަންހެން މީހާގެ މައްޗަށް 3 ދަޢުވާއެއް ވަނީ އުފުލާފައި

އދ. ދިގުރަށު ކުނި ގޮނޑުގައި މަރުވެފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ދަޢުވާ އުފުލާފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ.

ދިގު ރަށު ކުނިގޮނޑުން މަރުވެފައި އޮތް ކުޑަކުއްޖަކު ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރުއެވެ. އެ ކުއްޖާ ފެނުނުއިރު ވެސް މަރުވެފައިވާ ކަމަށް އެ ރަށު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. އެ ކުއްޖާގެ މަރުގެ މައްސަލައިގައި ސްރީލަންކާގެ އަންހެނަކު ހައްޔަރު ކުރީ އޭނާ ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.

މި މައްސަލައާ ގުޅިގެން ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ތިން ދައުވާޢެއް އުފުލާފައެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ، އެ ކުއްޖާގެ ޞިއްޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމުގެ ކުށުގެ ދަޢުވާ އަދި އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ހިރަންޏާ ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ ކުއްޖާ ވިހާފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހުގެ ރޭގަނޑު 10:00 އާއި ޑިސެމްބަރު 3ގެ ފަތިހު 5:00 އާ ދެމެދުގެ ވަގުތެއްގައި ދިގުރަށު ގެއެއްގެ ކޮޓަރިއެއްގެ ފާޚާނާތަށި ތެރެއަށް ކަމަށެވެ. ވިހެއުމަށްފަހު ފާޚާނާ ތަށިތެރެއިން ކުއްޖާ ނަގައި، ޑިސެމްބަރު 3ވަނަ ދުވަހު ކޮތަޅުތަކަކަށް ލައިގެން ގޮސް އެ ދުވަހުގެ ފަތިހު 5:30 ހާއިރު ކުނިގޮނޑުގެ ބޭރުގައި ހުރި ކުނިވާ ޒާތުގެ ކުނި އެޅުމަށް ޚާއްސަކޮށްފައި ހުރި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލާފައިވާ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

އެ އަންހެން މީހާ ބަލިވެއިނީއްސުރެ ކުއްޖާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނުވާކަން ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ.

ޕީޖީ އޮފީހުން އެ އަންހެން މީހާގެ މައްޗަށް އުފުލާފައިވާ ތިން ދަޢުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 13 އަހަރާއި 28 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ.

ދިގުރަށުގެ ކުނިގޮނޑުން ފެނުނު ކުޑަކުއްޖާގެ ހަށިގަނޑު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިންޑިއާއަށް ފޮނުވައި ޕޯސްޓްމޯޓަމް ހަދާފައެވެ.