ދިވެހިރާއްޖެއާއި ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަމުން އައި ޕްރޮގްރާމުތައް އަލުން ފަށަން މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދަ ޔަޕާ އަބޭވަރްދަނާއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަސްލަމް ވަނީ ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވައި ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވަނީ ދެ ޤައުމުގެ ގުޅުމަކީ ޒަމާންތަކެއްވީ، ވަރުގަދަ ގުޅުމެއްކަން ފާހަގަކުރައްވައި ވެރިކަން ބަދަލުވި ނަމަވެސް އެ ގުޅުމަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމަށް ހިންގަމުން އައި ޕްރޮގްރާމްތައް ކޯވިޑާ ގުޅިގެން ހުއްޓިފައިވާތީ އެ ޕްރޮގްރާމުތައް އަލުން ފެށުމަށް ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އެޤައުމުގެ އެކްޓީންގ ފޮރިން މިނިސްޓަރ ތަރަކާ ބަލަސޫރިޔާއާ ވެސް ރައްޔިތުންގެ މަޖލީހުގެ ރައީސް ބައްދަލުކުރެއްވިއެވެ.