މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 3.5 އިންސައްތަ ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 3.9 އިންސައްތަ ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުން އަހަރަކު ދެފަހަރު ނެރޭ "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް" ގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ ޢަދަދަކީ މިދިޔަ އަހަރު ރައްޖޭގެ އުފެއްދުންތެރިކަން ކުރިއަރާފައިވާ ޢަދަދާ އަޅާބަލާއިރު ދަށް ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 2015 ވަނައަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާފައިވަނީ ހަތަރެއް ޕޮއިންޓް އަށެއް އިންސައްތައަށެވެ.
ވޯލްޑް ބޭންކުން ބުނެފައިވަނީ ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެކަމަށް އެ ބޭންކުން ލަފާކޮށްފައިވާ އަދަދު ދަށްވެފައި މިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިޔުމާ ގުޅިގެން، އެގޮތުން ޙާއްޞަކޮށް ޗައިނާ އަދި ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ދަށްވަމުންދާކަން އެ ބޭންކުން ފާހަގަކުރެއެވެ. އަދި ރާއްޖޭގައި ވަޒީފާއެއް ނެތް ޒުވާނުން ގިނަކަމާ، އާއްމު ރައްޔިތުންނަށް ހުރި އިޤްތިޞާދީ ފުރުޞަތުތައް ރާއްޖޭގައި މަދުކަމާމެދުވެސް ވޯލްޑް ބޭންކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެކުނު އޭޝިއާއަށް ބަލާލާއިރު މި ސަރަޙައްދުގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 7.1 އިންސައްތައިންނެވެ. އަދި އަންނަ އަހަރު މި އަދަދު 7.3 އިންސައްތައަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.
ވޯލްޑް ބޭންކުގެ މި ރިޕޯޓްގައިވާ ގޮތުން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ސަރަޙައްދަކީ ދެކުނު އޭޝިއާއެވެ. އަދި މި ސަރަޙައްދުގެ އިޤްތިޞާދު ކުރިއަރަމުން މިދަނީ ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް އަންނަ އިޤްޞާދީ ހަލަބޮލިކަމުގެ އަސަރު ދެކުނު އޭޝިއާއަށް ކުރާ މިންވަރު ކުޑަވުމުގެ ސަބަބުންނާއި ދެކުނު އޭޝިއާގައި ކުރިއަށްދާ އިންވެސްޓްމަންޓްތައް އިތުރުވަމުން ދިޔުމާއި ގުޅިގެން ކަމަށް އެ ރިޕޯޓުގައިވެއެވެ.