ޚަބަރު

"ވަންގަވް" މެދުވެރިކޮށް ލޭންޑް ޔޫސް ޕްލޭން ފާސްކުރަން މިހާރު ހުށަހެޅޭނެ


  • ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމަނާފައިވާ ކަމެއް

  • ޕްލޭން ފާސްކުރުމަށް އަދި ބަދަލު ކުރުމަށްވެސް ހުށަހެޅޭނެ

"ވަންގަވް" ޕޯޓަލް މެދުވެރިކޮށް ރަށްތަކުގެ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން ހުށަހެޅޭ ގޮތް ހަދައިފިއެވެ.

"ވަންގަވް" ޕޯޓަލަކީ ސަރުކާރުގެ މުއައްސަސާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ފޯރުކޮށްދިނުމަށް މިދިޔަ ޖުލައިމަހު އިފްތިތާޙްކުރި ޕޯޓަލެކެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްކުރަން "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަދާފައިވަނީ ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ފަސޭހަކަމާއެކު އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މި ޚިދުމަތް ދޭނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި، އެ ވުޒާރާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ވަންގަވް" ޕޯޓަލް މެދުވެރިކޮށް މިއަދުން ފެށިގެން ލޭންޑް ޔޫސް ޕްލޭން ފާސް ކުރުމަށް އަދި ބަދަލު ގެނައުމަށް ވެސް ހުށަހެޅޭނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ލޭންޑް ޔޫސް ޕްލޭން ފާސްކުރުމަށް "ވަންގަވް" މެދުވެރިކޮށް ހުށަހެޅޭނީ އީފާސް ބޭނުންކޮށްގެން ލޮގިން ކުރުމަށްފަހުއެވެ.

"ވަންގަވް" ޚިދުމަތަކީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ ޚިދުމަތްތައް އާއްމުންނަށް ލިބޭގޮތަށް ތައްޔާރުކުރައްވާފައިވާ ޕްލެޓްފޯމެކެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައި ބަޔާންކުރަނީ ކައުންސިލުތަކުގެ އިންތިޚާބަށްފަހު އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު 3 މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލަންވާނެކަމަށެވެ.

މި ޕްލޭން ފާސްކުރުމުގައި ދަތިތައް ހުރުމުން ކައުންސިލްތަކުން ވަނީ މީގެ ކުރިން ވެސް އެކަން ސަރުކާރާ ހިއްސާކޮށްފައެވެ.