ޚަބަރު

"ހިޔަލަ ވީކެންޑް މާކެޓު" ގައި ބައިވެރިވުމަށް އަންހެން ވިޔަފާރިވެރިންނަށް ހުޅުވާލައިފި


  • މިއީ ހަފްތާ 14 ގައި ހިމެނޭ ކަމެއް

  • ބޭނުމަކީ އަންހެން ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކުރުން

  • 64 އަކަފޫޓުގެ 10 ކިއޮސްކް ދޫކުރާނެ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީއިން ހުޅުމާލޭގައި ތަރައްޤީ ކުރާ "ހިޔަލަ ވީކެންޑް މާކެޓު"ގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ހިޔަލަ ވީކެންޑް މާކެޓް" އަކީ ސަރުކާރުން އެކަށައަޅާފައިވާ ހަފްތާ 14 މަގުޗާޓުގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކުމަށް ޚާއްސަ ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރި ކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ޤާއިމް ކުރެވޭ މާކެޓެކެވެ.

ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެކަމަށް ބީސީސީން ވަނީ ބުނެފައެވެ. ކޮންމެ ހަފްތާއެއްގައި ވެސް މި ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުންކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މާކެޓްގައި ބައިވެރިވުމަށް ފޯމު ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

* ދިވެހި ރައްޔިތެއްކަމުގައިވުން
* 18 އަހަރު ފުރިފައިވުން
* އަންހެނެއް ކަމުގައިވުން

މި މާކެޓްގައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 64 އަކަފޫޓުގެ 10 ކިއޮސްކެވެ. މި ކިއޮސްކްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާ ބަންދަކަށް 300 ރުފިޔާއަށްކަމަށް ބީސީސީން ބުނެއެވެ.