ޚަބަރު

ވޯޓްލުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ވޯޓާސް ލިސްޓް ޗެކްކުރަން އިލްތިމާސްކޮށްފި


  • ކޮމިޝަނުން ބަލާނީ އައިޑީ ކާޑުގެ މައުލޫމާތަށް

  • ޝަކުވާ ހުށަހެޅޭނީ 21 ޖެނުއަރީ އާ ހަމައަށް

  • މައުލޫމާތު ގޯސްނަމަ ބޭނުންވާ ދާއިރާއަށް ވޯޓް ނުލެވިދާނެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގައި ޝަކުވާ ހުށަނާޅައިފިނަމަ، ބޭނުންވާ ދާއިރާއަށް ވޯޓް ނުލެވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 10 ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ އޮތީ 6 ދުވަސްކަމަށާއި، އެހެންކަމުން މައުލޫމާތު ރަނގަޅުތޯ ބެލުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވޯޓުލާ މީހުންގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ހާާއްސަކޮށް ވޯޓުލާ ދާއިރާ އޮތީ ރަނގަޅަށްތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.

ހަބީބު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި މައުލޫމާތު ހިމަނާފައިވާނީ ކޮންމެ މީހެއްގެވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބަލައިގެން ކަމަށެވެ. އަދި ގޭގެ ރަޖިސްޓްރީއަށް ކޮމިޝަނުން ނުބަލާނެ ކަމަށާއި އެހެންކަމުން އެ މައުލޫމާތު ދިމާވޭތޯ ބެލުމަށް ހަބީބް އިލްތިމާސްކުރެއްވިއެވެ.

ހަބީބް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓާސް ލިސްޓުގައި ހިމެނޭ މައުލޫމާތު ޗެކު ނުކުރެވިއްޖެނަމަ، އެމީހަކު ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެކަމަށެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ VR (space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން ވެސް ބަލައިލެވޭނެއެވެ،

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށެވެ. އަދި އައްޑު އާއި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ޝަކުވާ ބަލައިގަންނާނެކަމަށްވެސް އީސީން ވިދާޅުވެއެވެ. އަދި މާލޭގައި ޝަކުވާ ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުންކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 15:00އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 15:00އަށް އޮންނާނެކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހު މެންދުރު ފަހު 15:00 އިން 17:00 އަށްވެސް ޝަކުވާ ހުށައެޅޭގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

މާޗުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންނާއި އަޅާބަލާއިރު 1523 މީހުން އިތުރު އަދަދެކެވެ.