ޚަބަރު

"ޤައުމިއްޔަތު" މާއްދާ ޕައިލެޓްކޮށް ފުރަތަމަ ކިޔަވައިދޭން ފަށާނީ ގްރޭޑް 4 އަށް: ޝަފީޢު


  • ޕައިލެޓްކޮށް ކިޔަވައިދިނުމަށް ކޮންޓެންޓް ވަނީ ތައްޔާރުކޮށްފައި

  • ނަތީޖާއަށް ބެލުމަށްފަހު ރަސްމީކޮށް ކިޔަވައިދޭން ފަށާނެ

  • 3 ހަފްތާތެރޭ ޕައިލެޓް ޕްރޮގްރާމް ފަށާނެ

ސްކޫލްތަކުގެ ހުރިހާ ގްރޭޑްއެއްގައި "ޤައުމިއްޔަތު" މާއްދާ ކިޔަވައިދޭން ފެށުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަވާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ "ޤައުމިއްޔަތު" މާއްދާ ކިޔަވައިދިނުމުގެ ކުރިން ކުރިއަށްގެންދާ ޕައިލެޓް ޕްރޮގްރާމް ފަށާނީ ގްރޭޑް 4އިން ކަމަށެވެ.

"ޤައުމިއްޔަތު" މާއްދާ މަންހަޖުގައި ހިމަނައިގެން ކިޔަވައިދިނުމުގެ ކަންކަން ކުރިއަށްދާ ގޮތާގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިހާރުވެސް ޤައުމީ މަންހަޖުގެ މާއްދާތަކުގައި "ޤައުމިއްޔަތު"ގެ ބަހާތަށް އުނގަންނައިދެމުންދާކަމަށެވެ. އެހެންނަމަވެސް މި މާއްދާ ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމުގެ ސަބަބުން ޤައުމިއްޔަތަށް ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންވެސް ދެމުންއަންނަ ސަމާލުކަން އިތުރު ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަފީޢު ވިދާޅުވީ މި މާއްދާ ރަސްމީކޮށް މަންހަޖުގައި ހިމެނުމުގެ ކުރިން ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ގްރޭޑް 4 ގެ ދަރިވަރުންނަށް އެ މާއްދާ ޕައިލެޓްކޮށް ކިޔަވައިދޭން ފަށްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ޕައިލެޓް ޕްރޮގްރާމް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ ޕައިލެޓްކޮށް ކިޔަވައިދޭން ފެށުމުގެ ކުރިން މިހާރު ކިޔަވައިދެމުންދާ މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތަށް ހުރި މިންވަރު ދެނެގަނެވިފައިވާކަމަށެވެ.

"މާއްދާތަކުގައި ޤައުމިއްޔަތުގެ ބަހާތައް ހުރި މިންވަރު ވަނީ ދެނެގަނެވިފައި. އައު މާއްދާއެއް ވުޖޫދުކުރުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް މިހާރު ވަނީ ކޮށްފައި. ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ރަސްމީކޮށް މަންހަޖުގައި ހިމަނާނަން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަކި މާއްދާއެއްގެ ގޮތުގައި ޤައުމިއްޔަތު ކިޔަވައިދިނުމަށްޓަކައި އެ މާއްދާގެ މުޤައްރަރު އެކުލަވާލުމުގައި ކަމާ ގުޅުން ހުރި ފަންނީ ބޭފުޅުންގެ ލަފަޔާ މަޝްވަރާ ހޯއްދަވާކަމަށެވެ. އަދި އެ މާއްދާ ކިޔަވައިދިނުމަށްޓަކައި މުދައްރިސުން ބިނާ ކުރުމަށާއި ދަރިވަރުންނަށް ވަޞީލަތްތައް ފޯރުކޮށްދިނުމުގައިވެސް ފަންނީ ލަފާ ހޯއްދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތާއި ބެހޭ ވަކި މާއްދާއެއް ސްކޫލް ތަޢުލީމު މަންހަޖުގެ ތެރެއަށް ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ތަޢުލީމުގެ ޤައުމީ މަންހަޖުގައި ޤައުމިއްޔަތުގެ ނަމުގައި މާއްދާއެއް ތަޢާރަފްކޮށް މިމާއްދާ ކިޔަވައިދިނުމުގެ މަޤްސަދަކީ ދިވެހި ޤައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ޤައުމިއްޔަތަށް ލޯބިކުރާ އަދި ޤައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމެވެ. އަދި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަކީވެސް ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވުމަށް ނިންމެވި މަޤްޞަދެކެވެ.