ޚަބަރު

ސިނަމާލެ ބްރިޖް މަޝްރޫޢަކީ މިސަރަޙައްދުގެވެސް އެންމެ "ޗެލެންޖިން" މަޝްރޫޢު: ރައީސް


  • ސިނަމާލެ ބްރިޖް ހުޅުވީ 2018ވަނަ އަހަރުގެ އޮގަސްޓް މަހު

  • މިއީ ޗައިނާގެ މާލީ އެހީއާއެކު ކުރިއަށް ގެންދިޔަ މަޝްރޫޢެއް

  • މިމަސައްކަތް ކުރިއަށްގެންދިޔައީ ޗައިނާގެ ކޮންޓްރެކްޓަރެއް

  • މިދައުރުގައި ބޮޑެތި ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވި

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" މަޝްރޫޢުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި މަޝްރޫޢެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ޓީވީ ޗެނަލަކަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތަކަކީ، ޗައިނާގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކެކެވެ. އަދި އެކަންކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބެމުންދާ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ ބްރިޖް މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަށް އޭގެ މަންފާ ލިބެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ "ލޭންޑް މަރކް" މަޝްރޫއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވީ އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، މިއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަމަށެވެ. އޭރުގެ ހައުސިން މިނިސްޓަރުގެ ޙައިސިއްޔަތުން، އަދި ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް މިމަޝްރޫޢުގެ މަސައްކަތްތަކުގައި އެމަނިކުފާނު ވަނީ އިސްކޮށް ބައިވެރިވެވަޑައިގަންނަވާފައެވެ.

"ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައްފަދަ ބިޔަ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގައި ހިންގުމުގައިވެސް ޗައިނާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ފުރިހަމައަށް ލިބިގެންގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ، ކުޑަ އަދި ބޮޑު ގައުމުތަކުގެ ގުޅުމުގައި ނަމޫނާ ދެ ޤައުމުކަމަށެވެ. ޤައުމުގެ ދާޚިލީ ކަންކަމަށް އަތްގަދަކުރުމެއްނެތި، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ މަގުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެއްވުމަށް 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެތެރޭގައި ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްޤީއާ ގުޅޭ މުހިންމު މަސައްކަތްތަކެއް ޗައިނާގެ އެހީގައި ކުރިއަށްގެންދެވުމަށްވަނީ އެއްބަސްވެފައެވެ. އަދި މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫޢު "ރަސްމާލެ" މަޝްރޫޢު ކުރިއަށްގެންދިއުމަށްވެސް ޗައިނާއާއެކު އެއްބަސްވުންތަކުގައިވަނީ ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢުގައި އިސްކޮށް މަސައްކަތްކުރެއްވި ޗައިނާގެ ޓީމާވެސް ބައްދަލުކުރައްވާފައެވެ.

ރާއްޖެއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ޤައުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ ޗައިނާގެ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓް ބޭންކަށް ރާއްޖޭގެ ފަރާތުން ކަނޑައެޅުއްވި ފުރަތަމަ ގަވަރުނަރުވެސްމެއެވެ.