ޚަބަރު

މިއަހަރުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް ބައިލައްކަ ފަތުރުވެރިން


  • ފުރަތަމަ 9 ދުވަސްތެރޭ 50،983 ފަތުރުވެރިން ޒިޔާރަތްކުރި

  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %6.4 އިތުރުވުމެއް

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

މިއަހަރުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލަކު 5665 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

ނިމުނު 2023 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކާމިޔާބު އަހަރެކެވެ. މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކީވެސް ނިމުނު އަހަރެވެ. އެއީ 1.8 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އަދި އަހަރުގެ ފުރަތަމަ 9 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 50،983 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ 9 ދުވަހާއި އަޅާބަލާއިރު %6.4 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 47،931 ފަތުރުވެރިންނެވެ. އަދި 2022 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 43،079 ފަތުރުވެރިންނެވެ.

އަހަރުގެ ފުރަތަމަ 9 ދުވަހު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ޤައުމުތައް:

* ރަޝިއާ: 7601 ފަތުރުވެރިން
* އިޓަލީ: 7204 ފަތުރުވެރިން
* އިންޑިއާ: 3791 ފަތުރުވެރިން
* އިނގިރޭސިވިލާތް: 3753 ފަތުރުވެރިން
* ޖަރުމަނުވިލާތް: 3178 ފަތުރުވެރިން
* އެމެރިކާ: 1996 ފަތުރުވެރިން
* ޗައިނާ: 1676 ފަތުރުވެރިން
* ފްރާންސް: 1402 ފަތުރުވެރިން
* ކަޒަކިސްތާން: 1332 ފަތުރުވެރިން
* ސައުދީ އަރަބިއްޔާ: 1182 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 6640 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި 8.1 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.