ޚަބަރު

ކަނޑުގެ ސަރަހައްދު ހޯދުން: އެކްސްޕާޓުންގެ ފައިނަލް ރިޕޯޓް އަންނަ މަހު ހުށަހަޅާނެ


  • އިޓްލޮސްގައި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން މަސައްކަތް ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެއް

ރާއްޖޭން ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ހަދާ ފައިނަލް ރިޕޯޓް އަންނަ މަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޡިމްއެވެ. އެ ގޮތުން، ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަނބުރާ ހޯދުމަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށްޓަކައި ކަނޑައަޅާފައިވާ ހާއްސަ ކޮމިޓީގެ މަސައްކަތުގެ ދަށުން އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ރިވިއު ކުރަމުންދާކަން ނާޡިމް ފާހަގަކުރެއްވިއެވެ.

"މޯލްޓާގެ ޕްރޮފެސަރެއްގެ ކަރުދާހެއް ތައްޔާރު ކުރެވެމުންދާ ވާހަކަ އަޅުގަނޑު ކުރިން ދެންނެވިން. މިހާރު އެ ޕްރޮފެސަރގެ ކަރުދާހުގެ ފުރަތަމަ ކޮޕީ އޭޖީ އޮފީހަށް ވަނީ ލިބިފައި. އަދި އިތުރު އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް، ފެބްރުއަރީ މަހުގެ ފަހުކޮޅު ކެބިނެޓަށް ހުށަހެޅިގެންދާނެ ކަމަށް މިއަދު ކެބިނެޓުގައި މައުލޫމާތު ލިބިފައިވޭ،" ނާޡިމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިދިޔަ އަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާއެކު އޭރު ގިނަ ބަޔަކު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ކަނޑުން ބައެއް "ވިއްކާލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ވަނީ ގޮވާލާފައެވެ.

އިމުގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި މަސައްކަތް އެމަނިކުފާނުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ވެސް ވަނީ ހިމަނައިފައެވެ.