ޚަބަރު

ރަސްމާލެ ތަރައްޤީކުރުމުގެ ހުރިހާ އިންތިޒާމެއްވަނީ ހަމަޖެހިފައި


  • 1153 ހެކްޓަރުގެ ބިން ހިއްކާނެ

  • 30،000 ހައުސިން ޔުނިޓް އެޅުމަށް ވަނީ އެއްބަސްވެފައި

  • ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމު ކުރަން އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފައި

ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ވައުދުފުޅެވެ. މިމަޝްރޫއު ފެއްޓެވީ މާލޭގެ ތޮއްޖެހުމާއި ގެދޮރުވެރިކަމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދާދެއްވުމަށެވެ. މިމަޝްރޫއުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތަނުގައި ހުރިހާ މުހިންމު ޚިދުމަތެއް ގާއިމު ކުރުމުގެ އިންތިޒާމު ސަރުކާރުން މިވަނީ ހަމަޖައްސަވާފައެވެ.

ރަސްމާލެ މަޝްރޫއު ފެށުމަށް ފުށިދިއްގަރު ފަޅު ހިއްކަން ފެށީ 18 ޑިސެމްބަރު 2023 ގައެވެ. މިމަޝްރޫއުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫއެވެ. ބިން ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ތިން ކުންފުންޏަކާ ހަވާލުކުރައްވައިގެން ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ. މިމަޝްރޫއު ކުރިއަށްގެންދަނީ ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 60 ހެކްޓަރާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން 49 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށް ދޭގޮތަށެވެ.

ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ސަރުކާރުން މިވަނީ އެމަސައްކަތް ނިމުމާއެކު ރަސްމާލެ ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ފަށްޓަވާފައެވެ. ތަނެއްގައި މީހުން އާބާދުވުމަށް އެންމެ މުހިންމު އަސާސީ ޚިދުމަތްތަކަށް ވާނީ ފެނާއި ނަރުދަމާއާއި ކަރަންޓެެވެ. ރަސްމާލޭގައި މިޚިދުމަތްތައް ގާއިމު ކުރުމުގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައެވެ. މި ކަންކަން ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ރަސްމާލޭގައި ކަރަންޓުގެ ނިޒާމު ގާއިމު ކުރުމަށާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ޑީ- ވޯޓަރިން ނިޒާމުގެ އިތުރުން ފަޔަރ ނިޒާމާއި ގޭސް ނެޓްވަރކާއި މަގު ހެދުމައްޓަކައި ވަނީ ޗައިނާ ސަރުކާރާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. މިމަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން އެއްބަސްވެފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން (ސީއެމްއީސީ)އާއެކުގައެވެ.

މިޚިދުމަތްތައް އަލަށް ހިއްކާ ގުޅިފަޅުގައި ވެސް ގާއިމް ކުރުމަށް ދެ ޤައުމުގެ ދެމެދުގައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

މީގެ އިތުރުން ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަގުތުން ފެށޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފައެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭނީ ތިމާވެއްޓާއި ރައްޓެހި ފުރިހަމަ ހަކަތައިގެ ނިޒާމަކުންކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ އިތުރުން، އެ ސިޓީ ވެގެންދާނީ މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް ފަސޭހައިން ޚިދުމަތްތައް ހޯދޭނެހެން ފަރުމާކޮށްފައވާ "އިންކްލޫސިވް" ސިޓީއަކަށް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެއްޓެވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މަސް ދުވަހުގެ ތެރޭގައެވެ.