ޚަބަރު

ބައި-އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ވޯޓު ލައްވައިފި


  • ވީހާވެސް އަވަހަށް ވޯޓުލުމަށް ރައީސް އިލްތިމާސްކުރެއްވި

  • މިހާތަނަށް ވޯޓުލީ 21.78 އިންސައްތަ މީހުން

މިހާރު ކުރިއަށްދާ ބައި-އިލެކްޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފިއެވެ.

އެމަނިކުފާނު ވޯޓުލެއްވީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓުފޮއްޓަށެވެ. އެމަނިކުފާނު ވޯޓުލައްވަން ވަޑައިގެންނެވީ ޗައިނާ ދަތުރުފުޅު ނިންމަވާ ރާއްޖެ ވަޑައިގެންނެވުމަށްފަހުއެވެ.

ވޯޓު ލެއްވުމަށްފަހު މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ހައްޤު އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ކުރިއަށްދަނީ މާލެ ސިޓީ މޭޔަރާއި މާލެ ސިޓީ ކައުންސިލުގެ މިވަގުތު ހުސްވެފައިވާ ތިން ދާއިރާއަށް މެންބަރުން ހޮވުމުގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ. އެ ވަގުތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ 21.78 އިންސައްތަ މީހުންނެވެ.