ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގަންނަވައިފި


  • ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަތީ މިއަދު

  • ސަރުކާރުގެ އިސްވެރިން ވަނީ އެއަރޕޯޓުން މަރުހަބާ ދަންނަވާފައި

  • މިއީ ކާމިޔާބު ދަތުރުފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ 2 ކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅު ކުރައްވާފައިވަނީ މިމަހުގެ 7 ގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މިއީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާއި 2 ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިސާދާއި އަދި އެނޫންވެސް ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްވަނީ ސޮއިކުރައްވާފައެވެ. މިއީ ކާމިޔާބު ދަތުރުފުޅެއްކަމަށް 2 ޤައުމުންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.