ޚަބަރު

ޣައްޒާއާ ގުޅޭގޮތުން މިޞްރާއި ސަޢުދީއާއެކު ތުރުކީން މަޝްވަރާކޮށްފި


ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު ހާކަން ފިދާން، މިޞްރާއި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުންނާ ވަކިވަކިން ގުޅުއްވައި ޣަައްޒާއާއި ސޫރިޔާއާއި މެދުއިރުމަތީގެ މަސްރަޙާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފިއެވެ. އެ ބޭފުޅުންނާ ދެއްކެވި ވާހަކަފުޅުގައި ޔަހޫދީންގެ ސިޔާސަތުތަކަށް ތުރުކީވިލާތުން ތާއީދު ނުކުރާ ކަމަށް އޭނާ ވަނީ އަނެއްކާ ވެސް ވިދާޅުވެފައެވެ.

ފިދާން ވިދާޅުވީ މިޞްރުގެ ޚާރިޖީ ވަޒީރު ބަދްރު އަބްދުލްލަތީ އާއި ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަަރްހާންއާ ދެއްކެވި ވާހަކަފުޅުގައި ޣައްޒާއާ ގުޅޭ ޞުލްޙައިގެ ރޭވުން ތަންފީޛް ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ކުރިމަގުގައި ކަންތައްތައް
ކުރަންވީ ގޮތާ މެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ އިތުރުން ސޫރިޔާގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ ގޮތުންނާއި ހުރްމުޒް ކަނޑުއޮޅިއާއި ދުއިރުމަތީގެ ހަނގުރާމައާ ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް އޭނާ ވިދާވިއެވެ.

މިޞްރާއި ސަޢުދީ ޢަރަބިއްޔާއާ ގުޅުއްވައި ފިދާން ވާހަކަ ދައްކަވާފައި މި ވަނީ ތުރުކީވިލާތާއި މިޞްރާއި ޤަޠަރާ ތިން ޤައުމުން އެކުގައި ޔަހޫދީން ޣައްޒާގައި ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، އެ ފަދަ ހަމަލާތަކުގެ ސަބަބުން ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ތަންފީޛް ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ބުނެފައި ވަނިކޮށެވެ. ޣައްޒާއަށް ޞުލްޙަ ގެނައުމާ ގުޅޭ ރޭވުން ތަންފީޛް ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރިއަށް ދާ ކަމަށް މެދުވެރިންގެ ހައިސިއްޔަތުން އެ ތިން ޤަައުމުން ބުނެފައިވެއެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި ޔަހޫދީން ވަނީ ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަބޫ އަލް-ޛުހޫރް އަސްކަރީ ވައިގެ ބަނދަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައި މިވަނީ ޔަހޫދީންނާއި ތުރުކީވިލާތާ ދެމެދު މަސްރަޙު ނުތަނަވަސްވެ، ސޫރިޔާގެ މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީން އެ ހަމަލާ ދީފައި ވަނީ ސޫރިޔާގައި ތުރުކީވިލާތުގެ ސިފައިން ޤާއިމްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. ޔަހޫދީންގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާނަށް އިންޒާރު ދީ، ޔަހޫދީ ދައުލަތަށް ނުރައްކާވާ ފަދަ ގޮތަކަށް ސޫރިޔާގެ އަސްކަރީ ބާރު ވަރުގަދަކުރުމަށް ކުރެވޭ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް ބުނެފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ތުރުކީވިލާތުގެ ކޮމިއުނިކޭޝަންސްއާ ބެހޭ އިސްވެރިޔާ، ބުރްހާނެތިން ދުރާން ވެސް ވަނީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފާޑުވިދާޅުވެ، ޔަހޫދީންގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށް ތުރުކީވިލާތާ އެކު އޮންނަ ނުތަނަވަސްކަން ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސޫރިޔާއާއި އެހެން ސަރަޙައްދީ ޤައުމުތަކުން ޞުލްޙަވެރި ސިޔާސަތުތައް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން އެއްބާރުލުން ދޭނެ ކަމަށެވެ.

ދުރާން އިތުރަށް ވިދާޅުވީ ޣަައްޒާއާއި ސޫރިޔާއާއި ލުބުނާނާ މެދު ޔަހޫދީން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޔަހޫދީންނާ މެދު ދުނިޔެ ދެކެމުންދާ ގޮތް ބަދަލުވަމުންދާ ކަމަށެވެ. ތުރުކީވިލާތާއި ސޫރިޔާއާ ދެކޮޅަށް ޔަހޫދީން ދެމުންދާ އިންޒާރުތަކާއި ދައްަކަމުންދާ ހަޤީޤަތެއް ނެތް ވާހަކަތަކުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ދުނިޔޭގައި ނަތަންޔާހީ ބާކީ ވަމުންދާ މިންވަރާއި، ނަތަންޔާހޫގެ ސިޔާސީ ކަންބޮޑުވުންތަކާއި އޭނާއަށް ހަޤީޤަތް އޮޅިފައިވާ މިންވަރު ކަމަށް ދުރާން ވިދާޅުވިއެވެ. ޔަހޫދީންގެ ސިޔާސަތުތަކުގެ ހަޤީޤަތް މުޅި ދުނިޔެއަށް ހާމަވެފައިވާ ކަމަށާއި، އޭގެ ސަބަބުން އިންޒާރުދީ ބިރުދައްކައިގެން ނަތަންޔާހޫއަށް އަށް ބައިނަލްއަޤްވާމީ ދުނިޔެއަށް މިހާރު އޮޅުވައިނުލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމަނުޖެހުން އުފައްދާ ހަލަބޮލިކަން އިތުރު ކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ސަރަޙައްދީ ޤައުމުތަކުން އެކުގައި މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.