ޚަބަރު

މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފި


  • ވޯޓުލުން ފެށީ ހެނދުނު 8:00 ގައި

  • މި އިންތިޚާބުގައި 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވޭ

  • ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާކުރުމަށް އެދޭ

މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން:

  • • ކެންޑިޑޭޓް ނަންބަރު 1: ޝުއައިބު އަލީ / އަމިއްލަގޮތުން
  • • ކެންޑިޑޭޓް ނަންބަރު 2: ހުސައިން ވަހީދު / އަމިއްލަގޮތުން
  • • ކެންޑިޑޭޓް ނަންބަރު 3: އައިޝަތު އާޒިމާ ޝަކޫރު / ޕީއެންސީ
  • • ކެންޑިޑޭޓް ނަންބަރު 4: އާދަމް އާޒިމް / އެމްޑީޕީ
  • • ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް


މޭޔަރުކަމަށް ވާދަކުރައްވާ 5 ކެންޑިޑޭޓުންގެ ތެރެއިން އާދަމް އާޒިމްއާއި އައިޝަތު އާޒިމާ ޝަކޫރު ވޯޓުލައްވާފައިވަނީ ހިރިޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ.

ހުސައިން ވަހީދު ވޯޓު ލައްވާފައިވަނީ ކަލާފާނު ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮށްޓަށެވެ. ޝުއައިބު އަލީ ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށެވެ. އަދި ސައިފް ފާތިހު ވޯޓުލައްވާފައިވަނީ މަޖީދިއްޔާ ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކަށެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް ބައި އިލެކްޝަން ބާއްވަނީ އެ މަގާމުގައި ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.

މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް މެންބަރުން ހޮވުމަށް ބައި އިލެކްޝަންގެ ވޯޓުލުން ވެސް ވަނީ ފަށައިފައެވެ.

މާލެ ސިޓީ ކައުންސިލްގެ މި ބައި އިލެކްޝަނުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.