މާލެ ސިޓީގެ މޭޔަރު ބައި އިލެކްޝަނުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓަކު ވޯޓު ލައިފިއެވެ. 
މިއަދު ހެނދުނު 8:00ގައި ވޯޓުލުން ފަށާފައިވާއިރު މިހާތަނަށް ވޯޓު ލާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމާއި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓު ހުސައިން ވަޙީދާއި ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. 
		
			މައުލޫމާތު ލިބޭ ގޮތުގައި މި އިންތިޚާބުގައި ވާދަކުރައްވާ ޝުއައިބު ޢަލީ ވޯޓުލެއްވުމަށް ހަމަޖެހިފައިވަނީ 11:00ގައެވެ. އަދި ސައިފް ވޯޓުލެއްވުމަށް ހަމަޖެހިފައިވަނީ 10:30 ގައެވެ. 
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބައި އިލެކްޝަނުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. މި ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ. 
މި ބައި އިލެކްޝަން ބާއްވަނީ މާލޭގެ މޭޔަރަކަށް ކުރިން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެ މަގާމު ހުސްވުމުންނެވެ.
މޭޔަރުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު އަދި ހެންވޭރު ދެކުނު ދާއިރާއަށް މެންބަރުން ހޮވުމަށް ބައި އިލެކްޝަންގެ ވޯޓުލުން ވެސް ވަނީ ފަށައިފައެވެ. 
މާލެ ސިޓީ ކައުންސިލްގެ މި ބައި އިލެކްޝަނުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.