ސިއްހަތު

9 ޑޮކްޓަރަކަށް ސްޕެޝަލައިޒްވުމަށް ސްކޮލަރޝިޕް ފުރުސަތު ދެއްވައިފި


ޤާބިލް ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމުގެ މަސައްކަތުގެ ދަށުން 9 ދާއިރާއަކުން ޚާއްސަވުމަށް 9 ޑޮކްޓަރަކަށް ސްކޮލަރޝިޕް ފުރުޞަތުތައް ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިފަރާތްތަކަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ޤާބިލް ދިވެހި ޑޮކްޓަރުން ތަމްރީނުކުރުމުގެ މަސައްކަތުގެ ދަށުން މިފަހަރު ސްޕެޝަލައިޒްވުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ސައިކޭޓްރީ، ޖެނެރަލް ސާރޖަރީ، ރޭޑިޔޯ ޑައިގްނޯސިސް، ކަށީގެ ޚާއްސަ، އަންހެނުންގެ ޚާއްސަ، ކަރުންމަތީ، ކުޑަކުދިންގެ ޚާއްސަ، ހޭނައްތާ އަދި ލޮލުގެ ޚާއްސަ ޑޮކްޓަރަކަށްވުމަށެވެ. ސްކޮލަރޝިޕް ހަވާލުކުރެވުނު ފަރާތްތަކަކީ މިހާރުވެސް ޚިދުމަތްކުރަމުންދާ ޑޮކްޓަރުންގެ ތެރެއިން ވަކި ދާއިރާތަކުން ޚާއްސަވުމަށް ހަވާލުކުރެވުނު ފުލް ސްކޮލަރޝިޕްތަކެކެވެ. މިއީ ސަރުކާރާއި ނޭޕާލް ޔުނިވަރސިޓީއަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ ސްކޮލަރޝިޕްތަކެކެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ދިވެހި ޑޮކްޓަރުން ތަމްރީނުކޮށް ސްޕެޝަލިސްޓުން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިފަހަރު ސްކޮލަރޝިޕް ހަވާލުކުރެވުނު ދާއިރާތަކަކީ މިހާރު ރާއްޖެއަށް ބޭނުންވާ ދާއިރާތަކަކުން ޚާއްސަވުމަށްކަމަށެވެ. އަދި ކިޔެވުން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެއައިސް މާލެ އާއި އަތޮޅުތެރޭގައި ސްޕެޝަލިސްޓުން ބޭނުންވާ ތަންތަނުގައި މަސައްކަތްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން ތަމްރީނުވުމަށް އިތުރު ފުރުސަތުތަކެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު ސްކޮލަރޝިޕްގެ ފުރުސަތުތަކެއް އިޢުލާންކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.