ރިޕޯޓް

"ދިވެހިންގެ އެއަރޕޯޓް - އެއްބައިވަންތަކަމުގެ މިސާލެއް"


ދިވެހިންގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި ގުޅިފައިވާ އެންމެ މުހިއްމު އެއް ރަމްޒަކީ ދިވެހިންގެ އެއަރޕޯޓެވެ. އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު 50 އަހަރު ފުރިގެންދާއިރު، އެއަރޕޯޓަށް ލިބިގެންދާ ކޮންމެ ކުރިއެރުމަކާއި، ތަރައްޤީއަކީ އަޅުގަނޑުމެން ދިވެހިންނާއި ގުޅިފައިވާ، އަދި މުޅި ޤައުމުގެ އިޤްތިޞާދާއިވެސް ގުޅިލާމެހިފައިވާ ކަމެކެވެ.

ހުޅުލޭގައި ފުރަތަމަ ހުޅުވި އެއަރޕޯޓަކީ އިނގިރޭސީންގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތް ދުވަސްވަރު ހެދިގެންދިޔަ އެއަރޕޯޓެކެވެ. 19 އޮކްޓޯބަރު 1960 ގައި ހުޅުވުނު މި އެއަރޕޯޓަކީ 75 ފޫޓް ފުޅާ، އަދި 3000 ފޫޓް ދިގުމިނުގެ ރަންވޭއަކާއެކު، ދަގަނޑުފިލާ ބޭނުންކޮށްގެން ހެދި އެއަރޕޯޓެކެވެ. އެހެންނަމަވެސް، އިނގިރޭސީންގެ އަތްދަށުން ރާއްޖެ މިނިވަންވުމަށް މަސައްކަތް ފެށުމާއި، ދެކުނު ގަޑުބަޑާއެކު ދިވެހިންނާއި، އިނގިރޭސީންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ދިވެހިންގެ މެދުގައި އަމިއްލަ އެއަރޕޯޓެއް އެޅުމުގެ ވިސްނުން އުފެދިގެންދިޔައެވެ.

img:http://s4.psmnews.mv/images/660x400/14604327340078.jpg|ހުޅުލެ އެއަރޕޯޓް / ފޮޓޯ: މޯލްޑިވްސް ހިސްޓްރީ

އެގޮތުން ދިވެހިން އަމިއްލައަށް ދާ އޮހޮރުވައިގެން މިއަށްވުރެ ރަނގަޅު ފެންވަރުގައި އެއަރޕޯޓެއް ހެއްދެވުމަށް ސަރުކާރުން ގަސްތުކުރައްވާ، އެކަން އިޢުލާންކުރައްވާފައި ވަނީ 27 އޭޕްރީލް 1964 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. މިކަން ފެއްޓެވީ ރާއްޖޭގެ އަމިއްލަ ފައިސާއިންނާއި ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ. އެއަރޕޯޓް ހެދުމުގެ މަސައްކަތް ދިވެހީން ކޮށްފައިވަނީ ވަރަށްވެސް އާދަޔާ ޚިލާފު ފޯރިޔަކާއެކުގައެވެ.

1964 ވަނަ އަހަރުގެ މެއިމަހު އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށައިގަތީ ގާތްގަނޑަކަށް 150 މީހުންނާއެކުގައެވެ. އެހެންނަމަވެސް، މި މަސައްކަތުގެ ފޯރިގަދަވެ، ދިވެހިންގެ މެދުގައި އުފެދިގެންދިޔަ ޤައުމީ ޖޯޝާއިއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން މިކަމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

އެއަރޕޯޓް ހެދުމުގެ މަޝްރޫޢުގެ ތެރެއިން ފުރަތަމަ ކޮށްފައިވަނީ ހުޅުލޭ ރަންވޭގައި އިނގިރޭސީން އަޅައިފައި ހުރި ދަގަނޑު ފިލާތައް ނެއްޓުމުގެ މަސައްކަތެވެ. މި މަސައްކަތް ގާތްގަނޑަކަށް 5 ދުވަހުގެ ތެރޭގައި ނިންމާ، އެއަށްފަހު ރަންވޭ ހެދުމަށް ބޭނުންވާ ސަރަޙައްދު ބޮޑުކޮށް ބިން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މި މަސައްކަތް ކުރިއަށްދިޔައީ، އޭރުގެ ރާއްޖޭގެ އިޤްތިޞާދީ ހަލަތާއި، ލިބެންހުރި ވަސީލަތްތަކަށް ބަލާނަމަ، އާދަޔާ ޚިލާފު ބާރު މިނެއްގައެވެ. ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި އެއަރޕޯޓުގެ ރަންވޭއާއެކު ކޮންޓްރޯލް ޓަވަރާއި، ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާ، 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ދިވެހިންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު ހުޅުވިގެންދިޔައެވެ.

img:http://s3.psmnews.mv/images/660x400/14604326124390.jpg|ހުޅުލެ އެއަރޕޯޓް ހެދުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: މޯލްޑިވްސް ހިސްޓްރީ

މިއާއެކު ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައީ ރާއްޖޭގެ އިޤްތިޞާދުގެ މައިދޮރާއްޓަށެވެ. ރާއްޖޭގެ ސިނާޢީ ދާއިރާ މުޅިން ބަދަލުކޮށްލާ، ރާއްޖެ މިހާރު މިދެކޭ އުމްރާނީ ތަރައްޤީގެ މައި ބިންގަލަށެވެ. އެއަރޕޯޓް ހެދުމުގެ މަޝްރޫއިން ދިވެހިންނަށް ލިބިގެންދިޔަ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިން ހިއްކުމާއި، ބަނދަރުހެދުން ފަދަ މަޝްރޫޢުތައް ފެށިގެންދިޔައެވެ. މިކަމުގެ ސަބަބުން ރާއްޖެ، ބޭރު ދުނިޔެއަށް ހުޅުވި، 1972 ވަނަ އަހަރު ފަތުރުވެރިކަން ރާއްޖެއަށް ތަޢާރަފުވެގެންދިޔައެވެ.

ފަތުރުވެރިކަން ފުޅާވެ، އެއަރޕޯޓުން ޚިދުމަތް ހޯދާ މީހުންގެ ނިސްބަތް އިތުރުވުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ކުރިއަރުވަން ޖެހޭކަން ސަރުކާރުން ދިޔައީ އިޙްސާސް ކުރަމުންނެވެ. އެހެންކަމުން އެކަމުގެ ދިރާސާތަކާއި މަޝްވަރާތައް ކުރެވެމުންއައިސް، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުވިތާ 2 އަހަރު ފަހުން ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހުޅުލޭ އެއަރޕޯޓް ހެއްދެވުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވިއެވެ. އަދި 1981 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައި "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް އަލުން ހުޅުވިގެންދިޔައެވެ.

img:http://s1.psmnews.mv/images/660x400/14604326939451.jpg|މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް / ފޮޓޯ: ގޫގަލް

އެއަށްފަހު އެކި އަހަރު މަތިން އެއަރޕޯޓަށް ބޮޑެތި ބަދަލުތަކެއް އައިސް، އައު ޚިދުމަތްތައް ދިޔައީ ތަޢާރަފުވަމުންނެވެ. އެގޮތުން ވީ.އައި.ޕީ ލޯންޖްތަކާއި، ޑިއުޓީ ފްރީ ޝޮޕްތައް ތަޢާރަފުވެގެންދިޔައެވެ. އަދި މުޅި ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ބޮޑު އެއަރޓެކްސީ ފްލީޓްގެ ޚިދުމަތާއި، ހުޅުލޭ އައިލެންޑް ހޮޓެލްވެސް ހުޅުވިގެންދިޔައެވެ. ހަމައެހެންމެ ގްރައުންޑް ހޭންޑްލިންއަށް ބޭނުންވާ ސާމާނު ތަޢާރަފުކުރެވި، ޒަމާނީ އާލާތްތައް އެއަރޕޯޓުގައި ބޭނުންކުރަން ފެށުނެވެ. މިއާއެކު ބައިނަލްއަޤްވާމީގޮތުންވެސް ފާހަގަކޮށްލެވޭފަދަ ގިނަ އެވޯޑްތަކެއް އެއަރޕޯޓަށް ލިބެންފެށިއެވެ. އަދި މުޅި ދެކުނު އޭޝިޔާ ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ އެއަރޕޯޓަކަށް ދިވެހިންގެ އެއަރޕޯޓް ވެގެންދިޔައެވެ.

އެއަރޕޯޓްގެ މާޒީގެ ތެރެއިން ދެން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، 40 ވުރެ ގިނަ އަހަރު ވަންދެން ދިވެހިންގެ އެއަރޕޯޓް ދިވެހިންގެ އަތުގައި އޮތުމަށްފަހު، ރައީސް ނަޝީދުގެ ސަރުކާރުގައި އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް އިންޑިއާގެ ޖީ.އެމް.އާރ ކުންފުންޏަށް ދިނުމަށް ނިންމެވި ނިންމެވުމެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25 އަހަރަށް ޖީ.އެމް.އާރއާއި އޭރުގެ ސަރުކާރުން ހަވާލުކުރައްވާފައިވަނީ 28 ޖޫން 2010 ވަނަ އަހަރުއެވެ. މީގެ އިތުރުން ހަމަ އެހަރުތެރޭ "މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު"ގެ ނަން "އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް" އަށް ބަދަލުކުރެއްވިއެވެ. އެއަރޕޯޓުގެ ބާނީ ދިވެހި ޖުމްހޫރިއްޔާގެ 2 ވަނަ ދައުރުގެ ފުރަތަމަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، އަލްމަރްޚޫމް އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަމަށް ނިސްބަތްކޮށް، އެއަރޕޯޓުގެ ނަން ބަދަލުކުރެއްވީ 26 ޖުލައި 2011 ވަނަ އަހަރުއެވެ. އެއަރޕޯޓް ހިންގުން ޖީ.އެމް.އާރާއި ހަވާލުކުރެއްވިތާ 2 އަހަރު ފަހުން އެކުންފުންޏާއެކު ސަރުކާރުންވެފައިވާ އެއްބަސްވުމުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ، އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރައްވާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެއަށްފަހު އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓްގެ ދަށަށް ސަރުކާރުން ބަދަލްކުރެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14604326574690.jpg|އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް / ފޮޓޯ: ގޫގަލް

އެއަރޕޯޓަށް 50 އަހަރު ފުރިގެންދާއިރު، ދިވެހިންގެ އެއަރޕޯޓް އަނެއްކާވެސް މިވަނީ ތަރައްޤީގެ އައު އުސްމިންތަކަކާ ދިމާލަށް މިސްރާބުޖަހާފައެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެއަރޕޯޓް ތަރައްޤީކުރުމުގެ ބިޔަ އެއްބަސްވުމުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ 800 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު ޗައިނާ ސަރުކާރުގެ ފަރާތުން ލުއިލޯނުގެ ގޮތުގައި ދިވެހި ސަރުކާރަށް ވަނީ ދެއްވާފައެވެ. ރައީސް ޔާމީންގެ އިޤްތިޞާދީ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ އެންމެ ވަރުގަދަ އެއް ވަޢުދަކީ، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދުނިޔޭގެ ފެންވަރުގައިވެސް ކުރިއަރާފައިވާ އެއަރޕޯޓަކަށް ހެއްދެވުމެވެ. މިއާއެކު މުޅި މާލެ ހިމެނޭ ސަރަޙައްދަށް ބޮޑު އިންޤިލާބީ ބަދަލެއް އަތުވެގެންދާނެކަމަށް ރައީސް ޔަމީން ވަނީ ވިދާޅުވެފައެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މިތަން ވެގެންދާނީ ދެކުނު އޭޝިޔާގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް އެއަރޕޯޓަކަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 6 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާޙްކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ހަވާލުކުރައްވާފައި ވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއައެވެ. މި މަޝްރޫޢާއެކު މިހާރު ބޭނުންކުރަމުންދާ އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުކުރެވި، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާނެއެވެ.