ކުޅިވަރު

އިތުރު ވަގުތުގައި އެތުލެޓިކޯ ބަލިކޮށް ރެއާލް ފައިނަލަށް


ސްޕެނިޝް ސުޕަ ކަޕުގެ ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ފަހަތުން އަރައި 5-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެތުލެޓިކޯއިންނެވެ. މެޗު ފަށައިގެން ހަވަަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މާރިއޯ ހާމޯސޯއެވެ. އެކަމަކު މެޗުގެ 20 ވަނަ މިނެޓުގައި އެންޓޯނިއޯ ރުޑިގާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ނުވަ މިނެޓު ފަހުން ފާލަންޑް މެންޑީ ވަނީ ލަނޑެއް ޖަހައި، ރެއާލަށް ލީޑު ނަގައިދީފައެވެ.

މި މެޗުގައި އެތުލެޓިކޯއިން ނަތީޖާ އެއްވަރުކުރީ މެޗުގެ 37 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ޖެހި ލަނޑުންނެވެ. މި ލަނޑާއެކު ގްރީޒްމަން ވެފައިވަނީ އެތުލެޓިކޯގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށެވެ. އެގޮތުން ގްރީޒްމަން ރިކޯޑު ހަދާފައިވަނީ 174 ލަނޑާއެކުއެވެ.

މި މެޗުގެ 78 ވަނަ މިނެޓުގައި އެތުލެޓިކޯއިން އަލުން ލީޑު ނެގިއިރު، މިއީ ރެއާލުގެ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެކަމަކު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާވަހާލް ވަނީ ލަނޑެއް ޖަހައި، އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެއާއެކު އިތުރު ވަގުތުގެ ދެ ހާފު ކުޅުނުއިރު، މި މެޗުން ރެއާލް މޮޅުވީ ފަހު ހާފުގައި ޖެހި ދެ ލަނޑާއެކުއެވެ. އެގޮތުން ރެއާލުން ލީޑު ނެގީ އެތުލެޓިކޯގެ ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ފަހު ވަގުތު ބްރަހިމް ޑިއާޒް ވަނީ ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މޮޅާއެކު މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރިއިރު، ފައިނަލުގައި އެ ޓީމު ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލުންނެވެ. ދެވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ބައްދަލުކުރާނީ އޮސަސޫނާއާއެވެ. ބާސެލޯނާއިން މިދިޔަ އަހަރު ތަށި އުފުލާލީ ފައިނަލުގައި ރެއާލް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.