ރިޕޯޓް

"ހުޅުމާލޭގައި އިތުރު ޕާކިންގ ޒޯންތަކެއް ހަދަނީ"


ރާއްޖޭގައި މިވަގުތު އެންމެ ހަލުވިމިނެއްގައި ތަރައްޤީވަމުން އަންނަ އެއް ސަރަޙައްދަކީ ހުޅުމާލެއެވެ.

ހުޅުމާލޭ ތަރައްޤީ ކުރެއްވުމަށް ސަރުކާރުން އެކުލަވާލައްވާފައިވާ މާސްޓަރޕްލޭންގެ ދަށުން އުމްރާނީގޮތުން އެރަށަށް ލިބެމުންދާ ކުރިއެރުންތަކާއެކު، ހުޅުމާލޭގައި ދިރިއުޅެމުންދާ މީހުންގެ އާބާދީވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

އެގޮތުން ހުޅުމާލޭގައި މިހާރު 35،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާކަމަށް ބެލެވެއެވެ. ރާއްޖޭގެ އެހެން ރަށްތަކާއި ޚިލާފަށް ހުޅުމާލެއަކީ ބިމުގެ ގޮތުން، ޖާގަބޮޑު، ހިތްފަސޭހަކަމާއެކު ރައްޔިތުންނަށް ދިރިއުޅެވޭނެ ފަދަ ތަނަކަށްވެފައި، ޢިމާރާތްކުރުމުގެ ދާއިރާއިންވެސް ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށްދާއިރު، ހުޅުމާލޭގައި ބޭނުންކުރަމުންދާ އެއްގަމު އުޅަނދުފަހަރުގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ. ޚާއްސަގޮތެއްގައި ސައިކަލާއި، ހެވީ ވެހިކަލްތައް ބޭނުންކުރަމުންދާ ނިސްބަތް، ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވެފައިވާކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ފާހަގަކުރައްވައެވެ.

އެގޮތުން ފާއިތުވި އަހަރުގެ ތަފާސްހިސާބުތަކަށް އެކަނި ބަލާލުމުންވެސް، އަމިއްލަ ބޭނުންތަކަށް 125 އުޅަނދު، ގެސްޓް ހައުސް ވިޔަފާރިތަކަށް 12 އުޅަނދު، ސިނާޢީ މަސައްކަތްތަކަށް 26 އުޅަނދު، އަދި ޓެކްސީ ޚިދުމަތް ދިނުމަށް 24 އުޅަނދު ހުޅުމާލެއަށް އެތެރެކުރުމަށް ހުއްދަދީފައިވާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ މިހާތަނަށް، އަމިއްލަ ބޭނުންތަކަށް 45 އުޅަނދު، ގެސްޓް ހައުސް ވިޔަފާރިތަކަށް 07 އުޅަނދު، ސިނާޢީ މަސައްކަތްތަކަށް 04 އުޅަނދު، އަދި ޓެކްސީ ޚިދުމަތް ދިނުމަށް 07 އުޅަނދު ހުޅުމާލެއަށް އެތެރެކޮށްފައިވާ ކަމަށް އެޗް.ޑީ.ސީން ހާމަކުރައްވާ. އެހެންކަމުން ހުޅުމާލޭގައި ބޭނުންކުރާ ވެހިކަލްތައް އިތުރުވަމުންދާ ނިސްބަތަށްބަލައި، ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޕާކިންގ ޒޯންތައް އިތުރުކުރައްވާނެ ކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއްވައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީގެ އެޗް.އާރ އެންޑް މުނިސިޕަލް ސަރވިސަސްގެ ޑިރެކްޓަރ އަޙްމަދު މިރުޝާން ވިދާޅުވީ، ސިންގަޕޫރުގެ ކޮންސަލްޓެންޓެއްގެ އެހީތެރިކަމާއެކު ހުޅުމާލޭގެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި މި ޕްލޭންގެ ދަށުން އެންމެ ފުރަތަމަ ކުރެވިގެންދާނެ މަސައްކަތަކީ ހުޅުމާލޭ ފެރީޓަރމިނަލް ހިމެނޭ ސަރަހައްދުގައި ޕާކްކުރާނެ ޖާގަ އިތުރުކުރުން ކަމަށެވެ، ހަމަ އެހެންމެ ރަށުތެރޭގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި އިތުރު ޕާކިންގ ޒޯންތައް ހެދިގެންދާނެކަން މިރުޝާން ފާހަގަކުރެއްވިއެވެ.

ހުޅުމާލެގައި ހެވީ ވެހިކަލް ގިނަ ޢަދަދަކަށް ބޭނުންކުރަމުންދާތީ، މިކަމަށް އިޝާރަތް ކުރައްވައި، މިރުޝާން ވިދާޅުވީ، ހެވީ ވެހިކަލްތަކަށް ޚާއްސަ ޕާކިންގ ޒޯންތައް ތަރައްޤީކުރުމަށް ބޭނުންވާ އުޞޫލްތައް އެކުލަވާލައި، ޢަމަލީ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަސްތެރޭ ފެށިގެންދާނެކަމަށެވެ.

މާލެއާއި ޚިލާފަށް ހުޅުމާލޭގައި ވެހިކަލްތައް ކޮންޓްރޯލްނުވާ މިންވަރަށް އަދި އިތުރުވަމުން ނުދާކަން އެޗް.ޑީ.ސީން ފާހަގަކުރައްވައެވެ. އެހެންކަމުން މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިވަގުތު ޤާއިމުނުކުރި ނަމަވެސް، ބްރިޖްގެ މަސައްކަތް ނިމުމާއެކު، ހުޅުމާލޭގައި އެއްގަމު އުޅަނދު އިތުރުވާނެކަމަށް ބަލާ، އެފަދަ ޒަމާނީ ވަޞީލަތްތަކާއެކު ޕާކިންގ ޒޯންތައް ތަރައްޤީކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.