ޚަބަރު

މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 30ގައި ހުޅުވާލަނީ


  • އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލަނީ ޖެނުއަރީ 30އިން ފެބްރުއަރީ 14އަށް

  • ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ފެބްރުއަރީ 16ގައި

  • ކެމްޕޭންކުރުން ފެބްރުއަރީ 16އިން މާޗު 16އަށް

  • އިންތިހާބު އޮންނަނީ 17 މާޗުގައި

އަންނަމަހު މާޗު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 17 މާޗުގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އިން ފެށިގެން އަންނަމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަމަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފައިވާކަމަށާއި، ކެމްޕޭން ކުރުމުގެ ފުރުސަތު އަންނަމަހުގެ 16 ވަނަ ދުވަހުން ފެށިގެން މާޗުމަހުގެ 16 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ލިސްޓުގައި އެ މީހަކާ ގުޅޭ މައުލޫމާތު ސައްޚަތޯ ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭކަމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު 21 ޖެނުއަރީއާ ހަމައަށް ހުޅުވާލާފައިވާއިރު، ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު ގެނެވޭ ބަދަލުތައް 30 ޖެނުއަރީގައި އާއްމުކުރުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އަންނަމަހުގެ 1 އިން 7 އަށް ރީ ރަޖިސްޓްރޭޝަން ފުރުސަތު ހުޅުވާލުމަށްފަހު އަންނަމަހުގެ 29 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓް އާއްމު ކުރައްވާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި 500 އާއި 700 އާ ދެމެދު އަދަދަަކަށް ވޯޓު ފޮށި ބެހެއްޓޭނެކަމަށް ލަފާކުރައްވާކަމަށެވެ. އަދި ސީދާ އަދަދު އިއުލާން ކުރެވޭނީ މިމަހުގެ 31 ވަނަ ދުވަހުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބުގެ މުހިންމު ތާރީހުތައް

  • - ވާދަކުރުމަށް ހުޅުވާލަނީ ޖެނުއަރީ 30އިން ފެބްރުއަރީ 14އަށް
  • - ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި 21 ޖެނުއަރީ
  • - އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު ހުޅުވާލުން 31 ޖެނުއަރީ
  • - ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން ފެބްރުއަރީ 16
  • - ކެމްޕޭންކުރުން ފެބްރުއަރީ 16އިން މާޗު 16އަށް
  • - ރީ-ރަޖިސްޓްރޭޝަަން ފެބްރުއަރީ 1 އިން 7 އަށް
  • - ފައިނަލް ވޯޓާސް ލިސްޓް އާއްމުކުރުން ފެބްރުއަރީ 29
  • - ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރުން 9 މާރިޗު
  • - އިންތިހާބު އޮންނަނީ 17 މާޗުގައި

ހަބީބު ވިދާޅުވީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ފުރުސަތު މިމަހުގެ 31 ވަނަ ދުވަހު ހުޅުވާލާނޭކަމަށެވެ. އަދި މާލެ އާއި އަތޮޅު ތެރޭގައިވެސް އޮފިޝަލުން ތަމްރީންކުރުން ކުރިއަށްދާނެކަމަށް ހަބީބް ވިދާޅުވިއެވެ.

20 ވަަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުން ހިމެނެއެވެ.