ޚަބަރު

ފްލެޓުތައް ދޫކުރަން މިއަދު ފަށާނެކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް!


  • ފްލެޓުތައް ދޫކުރުން އޭސީސީން ވަނީ ހުއްޓުވާފައި

  • އޭސީސީން ދަނީ މައްސަލަ ތަހުގީގު ކުރަމުން

  • ފްލެޓު ދޫކުރަން ފަށާނީ އޭސީސީގެ ތަހުގީގު ނިމުމުންކަމަށް ވުޒާރާއިން ވިދާޅުވޭ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީ ކުރަމުންދާ ފްލެޓުތައް މިއަދު ހަވާލުކުރަން ފަށާނެ ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ބުނެ އެ ވުޒާރާއާ ހަވާލާދީ ފަތުރަމުންދަނީ ހަގީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެ ވުޒާރާއިން އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ އެންގެވުމަކަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފެލްޓުތައް ދޫކުރުން ހުއްޓާލާފައިވަނީ އެކަމާއި ގުޅިގެން ބަލަމުންދާ މައްސަލައަކާއި ގުޅިގެނެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނީ އޭސީސީން އެ މައްސަލަ ބަލައި، އެ ވުޒާރާއަށް ފޮނުވުމުން ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ދޭން ނިންމި ފްލެޓުތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރާ ފްލެޓު ތަކެކެވެ. މި ފްލެޓުތަކަކީ މާލޭގެ ރަށްވެހިކަން އޮންނަ ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ދިވެހިންނަށް ދޭން ހަމަޖެހިފައިވާ ފްލެޓުތަކެކެވެ. ކުރީ ސަރުކާރުން އެތައް ހާސް ބަޔަކަށް ފްލެޓްތައް ދޭން ނިންމައި ލިސްޓް އާއްމުކުރިނަމަވެސް އޭގެތެެރެއިން އެންމެ ފްލެޓެއްގެ މަސައްކަތްވެސް ނިންމާފައެއް ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްވުރެ އަވަސްކުރައްވާފައެވެ. އަދި އިތުރު ފްލެޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.