ޚަބަރު

މަޖިލިސް އިންތިޚާބުގައި 284،327 މީހުންނަށް ވޯޓުލެވޭނެ


  • 139،165 އަންހެނުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ

  • 145،162 ފިރިހެނުން ވޯޓުލުމުގެ ޙައްގު ލިބޭ

  • ވޯޓާސް ލިސްޓް ބަލައި މައުލޫމާތު ސައްހަތޯ ކަށަވަރު ކުރުމަށް އިލްތިމާސްކުރެއްވި

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ 17 މާރިޗުއާ ހަމައަށް 18 އަހަރު ފުރޭ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ ކަމަށެވެ. ވޯޓުލާން ޖެހޭ ދާއިރާ އެނގޭގޮތަށް ވޯޓުލުމުގެ ޙައްގު ލިބޭ މީހުންގެ ލިސްޓު އާއްމުކުރާނެކަން ފާހަގަކުރައްވާ އޭނާ ވަނީ އެ ލިސްޓު ނެރުމުން ނަމާއި އެޑްރެސް ރަނގަޅަށް އޮތްތޯ ބެލުމަށް އިލްތިމާސްކުރައްވާފައެވެ.

ވޯޓާސް ލިސްޓު އާއްމުކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާނެއެވެ. އެހެންކަމުން ފަރުދީ ޒިންމާ އަދާ ކުރުން މުހިންމުކަމަށް ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ 17 މާރިޗުގައި މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވާކަން މިއަދު އިއުލާންކުރައްވާފައެވެ. މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި 17 މާރިޗު ކަނޑައެޅީ އިންތިޚާބު، ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.