ޚަބަރު

ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން ފީއެއް ނަގަން ނިންމީ ޤާނޫނާ ޚިލާފަށް: އެލްޖީއޭ


  • ރަށްވެހިކަން ދޫކޮށްލާ މީހުންގެ އަތުން 5000 ރުފިޔާގެ އިދާރީ ފީއެއް ނަގަން ކައުންސިލުން ވަނީ ނިންމާފައި

  • މިއީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭއިން ވިދާޅުވޭ

  • އެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައި

ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކުރާ ފަރާތްތަކުގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނެގުމަށް ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކީ ޤާނޫނާ ޚިލާުފު ނިންމުމެއް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.

އެލްޖީއޭއިން މިގޮތަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމަށްފަހު ނެރުނު އިއުލާނެއްގައެވެ.

އެލްޖީއޭގެ ބޯޑުން މިގޮތަށް ނިންމުމުގެ ކުރިން އެ އޮތޯރިޓީން ވަނީ ތިނަދޫ ކައުންސިލުގެ ނިންމުމާއި އެއްގޮތަށް ފައިސާ ނެގުން މަޑުޖައްސާލުމަށް މިދިޔަ ހޯމަ ދުވަހު އެ ކައުންސިލަށް އަންގަވާފައެވެ.

ތިނަދޫ ކައުންސިލުން އާދީއްތަ ދުވަހު ގެޒެޓުކޮށްފައިވާ އިޢުލާނެއްގައި ބުނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ތިނަދޫ ސިޓީގެ ރަށް ވެހިކަން ދޫކޮށްލުމަށްފަހު، އެހެން ރަށް ރަށަށް ރަށްވެހިކަން ބަދަލު ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކުގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނަގަން ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި ފާސްކޮށްފައިވާކަމަށެވެ.
އެގޮތަށް ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމުން އެ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާނެކަމަށް ފާހަގަކުރެވޭތީ ކަމަށްވެސް އެ އިޢުލާނުގައި ބުނެއެވެ.

އެ ނިންމުމާ ގުޅިގެން އެލްޖީއޭއިން ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ޙައްގު ޤާނޫނު އަސާސީގެ 41 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ ކަމަށެވެ. އަދި އެ ޙައްގުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ޤާނޫނު އަސާސީއާ ތަޢާރަޒުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށާއި ލާމަރުކަޒީ އިދާރާތަކުން ހަދާ ގަވާއިދުތަކާއި ނިންމާ ނިންމުންތައް އެ ގާނޫނުގެ އިމުން ބޭރުވެގެން ނުވާނެކަމަށްވެސް އެލްޖީއޭއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީވެވޭނެ ގެއެއް ނުވަތަ ފްލެޓެއް ހުރި ނަމަ އިތުރު އެއްވެސް ޝަރުތެއް ނެތި، އެ ރަށެއްގެ ރަށްވެއްސަކަށް ބަދަލުވުމުގެ ފުރުޞަތު ދިނުމުގައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރެއްވިއެވެ. މިގޮތަށް އޮތް ނަމަވެސް ފީއެއް ނެގިދާނެ ކަމަށާއި އެ ފީ ނުވަތަ ކުލި ކަނޑައަޅަން ޖެހޭނީ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ޤާނޫނާ ޚިލާފު ނުވާ ގޮތުގެ މަތިން ކަމަށްވެސް އެލްޖީއޭއިން ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލުގެ ނިންމުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށާއި އެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.