ޚަބަރު

ރައީސް ނަޝީދު ޝައިޚް ހަސީނާއަށް މަރުޙަބާ ވިދާޅުވެއްޖެ


  • މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތު ކުރުމުގައި ހަސީނާ މުހިންމު ދައުރެއް އަދާކުރައްވާ

  • މިއީ ހަސީނާ ބޮޑުވަޒީރުކަމަށް އިންތިޚާބުވި 4 ވަނަ ފަހަރު

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ނަޝީދު އެކަމަނާއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ސެކެޓްރީ ޖެނެރަލްގެ ހައިސިއްޔަތުން ނަޝީދު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވީ، ހަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމުން އެކަމަނާގެ ލީޑަރޝިޕުގެ ފުރިހަމަކަން ފެނިގެންދާ ކަމަށެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކަމަނާ ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރެވޭ ކަމަށް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވިއެވެ.

ޝައިޚް ހަސީނާއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި އޭގެ ސަބަބުން ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކުގެ އަޑު އުފުލެއްވުމުގައި ފާހަގަކުރެވޭ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. ކާމިޔާބު ކަމާއެކު ކްލައިމެޓް ވަލްނަރަބަލް ފޯރަމުގެ ރިޔާސަތު ބަންގްލަދޭޝަނުން ބަލަހައްޓާފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ހަސީނާގެ ވެރިކަމުގައި ބަންގްލަދޭޝުން މޫސުމީ ބަދަލުތަކާމެދު ވަކާލާތު ކުރުމުގައި ޚާއްސަ ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނުރައްކާ އޮތް ޤައުމުތައް ހިމަނައިގެން މޫސުމީ ކަންކަމުގައި މަޝްވަރާ ކުރައްވާތީ، ބޮޑުވަޒީރު ހަސީނާ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށް ކުރައްވާ މަސައްކަތްޕުޅު އެނގިގެންދާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޝައިޚް ހަސީނާ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވާނެ ކަމަށް ވެސް އެ ބަޔާނުގައި ނަޝީދު ވިދާޅުވިއެވެ. މިއީ ބަންގްލަދޭޝުގެ ބޮޑުވަޒީރުކަމަށް ޝައިޚް ހަސީނާ ޖެހިޖެހިގެން އިންތިޚާބުވެވަޑައިގެންނެވި 4 ވަނަ ފަހަރެވެ.