ޚަބަރު

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރާއި، ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި


  • ޙައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ފުރުޞަތު ދެއްވުމަށް އެދިވަޑައިގެންނެވި

  • ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދުވެސް މަޝްވަރާކުރެއްވި

ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއިބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ރަބީޢާއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.

ސަޢުދީގެ ޙައްޖާއި ޢުމްރާއާއިބެހޭ ވަޒީރާއި، ވަޒީރު ޑރ. ޝަހީމް ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު މިހާރު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ސަޢުދީ ސަރުކާރުން ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ކޮށްދެއްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަންކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ސަޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނާ މެދު ވަރަށް ދީލަތިކޮށް މުޢާމަލާތުކުރައްވައި އަގުހުރި ޚިދުމަތެއް ދެއްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

މިގޮތުން ޙައްޖު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއިން ކޮށްދެއްވަމުން ގެންދަވާ ޚިދުމަތް ފާހަގަކުރެއްވިއެވެ. އަދި މާތް ދެހަރަމްފުޅަށާއި ޙައްޖާއި ޢުމްރާއަށް އަންނަ މީހުންނާއި މަދީނާ އަށް ޒިޔާރަތްކުރާ މީހުންނާ މެދު ބަހައްޓަވާ ދީލަތި ކަމަށްޓަކައި ސަލްމާން ރަސްގެފާނާއި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނަށް ޑރ. ޝަހީމް ޝުކުރު އަދާކުރެއްވިއެވެ.

ސަޢުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް އެދިވަޑައިގަތެވެ. އަދި ޙައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާ އަށް ފުރުޞަތު ދެއްވުމަށްވެސް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ މެދުވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ޙައްޖު އުމްރާ ޚިދުމަތް ފަސޭހަކޮށް ރައްޔިތުންނަށް ލުއިގޮތްތަކެއް ހޯއްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޙައްޖު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.

ޑރ ޝަހީމް ވަނީ ސައުދީ ޢަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓަރ ޑރ. ތައުފީޤަށް ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށްވެސް ދައުވަތު ދެއްވާފައެވެ. އަދި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން ރާއްޖޭގައި ތަޤުރީރެއް ކުރެއްވުމަށްވެސް ދައުވަތު ދެއްވިއެވެ. ކޯވިޑް ޕެންޑަމިކް ތެރޭގައި ޑރ. ތައުފީޤު ހުންނެވީ ސަޢުދީގެ ހެލްތު މިނިސްޓަރުގެ މަޤާމުގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ސަޢުދީއަށް ވަޑައިގެންނެވީ ޑރ. ތައުފީޤު ބިން ރަބީޢާ ދެއްވި ޚާއްޞަ ދަޢުވަތަކަށެވެ.