ޚަބަރު

އިތުރު 15 ޑޮމެސްޓިކު އެއަރޕޯޓު އަޅަނީ


  • 11 މަޝްރޫޢޫއަކަށް އިންވެސްޓަރުން ހޯދުމުގެ ޝަޢުގުވެރިކަން

  • މީގެ ތެރޭގައި 15 އެއަރޕޯޓެއް ތަރައްޤީކުރުން ހިމެނޭ

  • އައްޑޫ ބްރިޖާއި، ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުންވެސް ހިމެނޭ

ރާއްޖޭގައި އިތުރު ޑޮމެސްޓިކު 15 އެއަރޕޯޓު އެޅުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރީ ޗައިނާގައި ކުރިއަށްގެންދިޔަ އިންވެސްޓް މޯލްޑިވްސް ފޯރަމްގައެވެ.

ރާއްޖޭގައި މިވަގުތުވެސް އިންވެސްޓުކުރާ ޗައިނާގެ ކުންފުނިތަކާއި ޗައިނާގައި އިންވެސްޓުކުރާ އެޤައުމުގެ އިންވެސްޓަރުން ހިމެނޭހެން ބޮޑެތި އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ވަނީ ރާއްޖޭގައި އިންވެސްޓުކުރެވޭނެ ދާއިރާތައް ހާމަކޮށްފައެވެ. އެގޮތުން 11 މަޝްރޫޢޫއަކަށް އިންވެސްޓަރުން ހޯދުމުގެ ޝަޢުގުވެރިކަން ރާއްޖެއިން ވަނީ ފާޅުކޮށްފައެވެ.

އޭގެތެރޭގައި އައްޑޫ ބްރިޖު މަޝްރޫޢޫއާއި، ކާޑެއްދޫއާއި ތިނަދޫ ގުޅުވާލުމުގެ މަޝްރޫޢުއާއި، އިހަވަންދިއްޕޮޅު ތަރައްޤީކުރުމާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާގެ މަޝްރޫޢޫތައް ހިމެނެއެވެ.

މި ފޯރަމްގައި ވަނީ ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއަރޕޯޓު އެޅުމަށް ސަރުކާރުން ނިންމާ އިންވެސްޓަރުން ހޯދުމަށް ޝަޢުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް އެއަރޕޯޓު އަޅާ ސަރަޙައްދުތައް ފާހަގަކޮށްފައެއް ނުވެއެވެ. ރާއްޖޭގައި މިވަގުތުވެސް 16 ޑޮމެސްޓިކް އެއަރޕޯޓެއް އަންނަނީ ހިންގަމުންނެވެ.

ސަރުކާރުން ދާދިފަހުން ވަނީ ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ނިންމަވާ، އެއަރޕޯޓް ހެދުމަށް ބިން ހިއްކުމަށް ބޭނުންވާ ސަރވޭއާއި އީއައިއޭ ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވާފައެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާރު ބޭނުންކުރާ ޑޮމެސްޓިކް އެއަރޕޯޓުތައް އިތުރަށް ތަރައްޤީކުރުމުގެ އިތުރުން، އަހަރަކު 25 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުން ހިމެނެއެވެ.

މީގެ އިތުރުން ޤައުމީ އެއަރލައިންގެ އުދުހުންތައް ފުޅާކުރުމުގެ ގޮތުން ވައިޑްބޮޑީ އެއަރކްރާފްޓު ބޭޏުންކޮށްގެން ރާއްޖެއިން ބޭރަށް ޚިދުމަތް ފުޅާކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.