ދީން

ޢުމްރާއަށް ދާން ދުރާލާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި


ޢުމްރާއަށް ދިއުމަށްޓަކައި ދުރާލާ ފައިސާ ދެއްކޭނޭ ސްކީމެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފިއެވެ. 

މިސްކީމަކީ ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި ޕްރޮގްރާމެއް ކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި ސްކީމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ބައިވެރިކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، ޢުމްރާ ސްކީމްގައި ބައިވެރިވުމަށް ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ޢުމްރާއަށް ދާން ބޭނުންވާ އަހަރެއް ކަނޑައެޅުމަށްފަހު، ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީކުރަންޖެހޭ ކަމަށެވެ. ޢުމްރާ ސްކީމްގައި ބައިވެރިވާއިރު ފުރަތަމަ ފަހަރަށް 1000 ރުފިޔާ ދެއްކުމަށްފަހު، ދެން އެފަރާތުން ބޭނުންވާ އަދަދަކަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން ޢުމްރާ ދަތުރުތަކުގެ އަގު ހެޔޮ ކުރުމާއި ގުޅޭ ގޮތުން ކުންފުނީގެ ބޯޑުގައި މިހާރު މަޝްވަރާކުރަމުންދާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެއަހަރަކަށް ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކަށް އެ ކޯޕަރޭޝަނުން ކަނޑައަޅާ އަގު ހާމަކުރާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި، ތިން ޙަރަަމަށް ކުރާ ޢުމްރާ ދަތުރުގައި 8 މީހަކު މިރޭ ފުރުމަށް ހަމަޖެހިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ. އެފަރާތްތަކުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ދުވަހުއެވެ. މި ދަތުރުގައި އެފަރާތްތަކުން މިސްރަށާއި ޖޯޑަން އަށްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރު، ރަމަޟާން މަހުގެ ފަހު ފަނަރައިގައި ޙައްޖު ކޯޕަރޭޝަނުން ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މިހާތަނަށް ސަތޭކައަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީކޮށް ފައިސާ ދައްކާފައިވެއެވެ. ޢުމްރާ ދަތުރަށް އެދި ރަޖިސްޓްރީކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަަލަށް ވަނީ ހުޅުވާލާފައެވެ. ރަމަޟާން މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފަިއވާ ޢުމްރާ ދަތުރުގެ އަގަކީ 39،965 ރުފިޔާއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން، ޢުމްރާ ދަތުރުތައް ކުރަނީ މާރޗް މަހާއި، ރަމަޟާން މަހު އަދި ޑިސެމްބަރު މަހުގައެވެ.