ޚަބަރު

ޖަޕާނު ސަރުކާރުގެ އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ފަށައިފި


  • ދޯންޏެއްގެ އެންވަތް ވަނީ ބަދަލުކޮށްފައި

  • ސައިންޓިފިކް ދިރާސާ ކުރާނެ

  • މިހާތަނަށް ބެލިބެލުމުން ކާމިޔާބު

ޖަޕާނު ސަރުކާރުގެ އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ މަސައްކަތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފަށްޓަވައިފިއެވެ.

މިއީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްނައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ. އެ ވުޒާރާއިން ވިދާޅުވީ، މި ދިރާސާ ފެށުމުގެ ގޮތުން ގދ. މަޑަވެލި ކަމަނަ ދޯނީގެ އެންވަތް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ދޯނީގެ އެންވަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި، މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭގޮތަށް އެންވަތަށް ބަދަލު ގެނެސްފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެއީ ކާމިޔާބު ކަމެއްތޯ ބެލުމަށް މި ދިރާސާގައި ސައިންޓިފިކް ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދޯނީގެ އެން ވަތަށް ގެނެވުނު ބަދަލުތަކުން މިހާރުވެސް ފެންނަ ނަތީޖާ ވަރަށް ރަނގަޅުކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ރާއްވަވާފައެވެ. އެގޮތުން މަސްވެރިންކަމުގެ ފަންނު އުނގަންނައިދިނުމަށް ކޮލެޖެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާއިރު، ކޮންމެ ދޯންޏެއްގައި ޑައިވިން ސެޓްފިކެޓް އޮތް ރެސްކިއު ޑައިވަރެއް ހުރުން ލާޒިމް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.