ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ޗައިނާއިން ރަތްދޫލައިގެ މަރުޙަބާއެއް!


  • މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

  • ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވަނީ ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދަންނަވާފައި

  • މި ދަތުރުފުޅުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެޤައުމަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަތުމުން ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ވަނީ އެ ދެކަނބަލުންނަށް މަރުހަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.މިއީ ރައީސުލްޖުމްހޫރިއްޔާ 2023 ނޮވެމްބަރ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.

ޗައިނާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ އަދި ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވުނު ފުރަތަމަ ބްރިޖް "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީވެސް ޗައިނާގެ އެހީތެރިކަމާއިއެކުގައެވެ. މި ބްރިޖްގެ މަސައްކަތް ނިންމައި ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

މީގެއިތުރުންވެސް ސިނަމާލެ ފްލެޓްތަކުގެ މަސައްކަތަކީވެސް ޗައިނާ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީއާއި އިޤްތިސާދީ ދާއިރާއިން ޗައިނާ އަބަދުވެސް ފާހަގަކޮށްލެވެނީ ރާއްޖެއާއި ގާތް ގުޅުމެއް ބާއްވާ ޤައުމެއްގެ ގޮތުގައެވެ. މީގެއިތުރުންވެސް ރާއްޖެއިން ވަނީ ޗައިނާއާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއާއި ޗައިނާއާއި ދެމެދު ވިޔަފާރިކުރުމަށް ވިޔަފާރިވެރިންނަށް ވަނީ ފަހި ދުރުތަކެއް ފަހިވެގެންގޮސްފައެވެ.

ފަތުރުވެރިކަމުގައިވެސް ޗައިނާއަކީ ރާއްޖެއަށް މުހިންމު ބައިވެރިއެކެވެ. ކޯވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އަދި ކޯވިޑަށްފަހު މިހާރު ޗައިނާގެ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުފަށައި މާކެޓިން ހަރަކާތްތައް ވަރުގަދަކުރުމުގެ ސަބަބުން ޗައިނާ މިހާރު އޮތީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް މި ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާއާއި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.