ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ތައާރަފްކުރުމަށް ނިންމާފައިވާ ލޯނު ސްކީމްތައް މާޗުމަސް ނިމުމުގެ ކުރިން އެކުލަވާލައި ނިންމުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުށަހަޅާފައިވާ ކަރުދާހަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހުއެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި މުހިއްމު ނިންމެވުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑެއް ޤާއިމްކުރުމާއި ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ފެށުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ތައާރަފްކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށެވެ.
ނާޒިމް ވިދާޅުވީީ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ ޓްރަސްޓް ފަންޑެއް ޤާއިމްކުރުމާއި ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމެއް ފެށުމާއި ބެހޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މިކަމާއި ގުޅޭގޮތުން އިތުރަށް އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކުރުމަށްކަމަށެވެ. އަދި ހަފްތާ14ގެ މަގުޗާޓުގައި ހުރިކަންކަން ފުރިހަމަކުރުމަށް ކަނޑައަޅާފައިވާ 100 ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ލުއި ލޯން ސްކީމް އެކުލަވާލުމުގެ މަސައްކަތް އިކޮނޮމިކް ކައުންސިލުން ނިންމުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
" ބޯހިޔާވަހިކަމަށް މި ސަރުކާރުން ތައާރަފްކުރަން ނިންމާފައިވާ ލޯން ސްކީމްތަކާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ހަފްތާ 14ގައި ހުރި ކަންކަމާއި އަލަށް ޤާއިމްކުރާ ޑިވެލޮޕްމަންޓް ބެންކާއި މިހާރު ހުރި ބޭންކިންގ ނިޒާމްގެ ތެރެއިން ސޯޝަލް ހައުސިންގ ލޯންތަކެއް ތައާރަފްކުރެވެނެ ގޮތްތަކެއް ދެނެގަނެ މަޝްވަރާކުރުމަށް. އަދި މި ލޯނުތަކަކީ 5 އިންސައްތަ އިންޓްރެސްޓަށްވުރެ ދޫކުރެވެ ލޯންތަކެއްކަން ޔަގީންކުރުން" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހަދަން ފަށާފައި ނުނިމި ހުރި ގެތައް ނިންމުމަށް ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރުމަކީވެސް މި މަސައްކަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށެވެ.
ބޯހިޔާވަހިކަމަށް ލޯން ސްކީމްތައް ތައާރަފްކުރުމުގެ އިތުރުން ނާޒިމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހާއްސަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ކަނޑައެޅުމާއި ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވިކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ސޯޝަލް ހައުސިންގ މަޝްރޫއުތަކުގެ ތެރެއިން ވަކި އިންސައްތައެއް ފަތުރުވެރިކަމުގެ މުވައްޒަފުން ހަމަޖެއްސުމަށްވެސް މަޝްވަރާކުރެއްވިކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ހަފްތާ 14ގެ މަގު ޗާޓުގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެގިއުލޭޓްކުރުމަށް ގެދޮރުވެރިކަމުގެ މިނިވަންކަމުގެ ބިލެއް އެލުލަވާލުމުގެ މަސައްކަތްކުރުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިކަމަށް ނާޒިމް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ސަރުކާރުން މިހާރުވެސް ވަނީ މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް ފަށްޓަވާފައެވެ. ރަސްމާލޭގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢު ނިމޭއިރު، މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.