ޚަބަރު

ވީއައިއޭގައި ސީޕްލޭން މޫމަންޓްސްގެ އައު ރެކޯޑެއް


  • ރިކޯޑް ހަދާފައިވަނީ މިމަހުގެ 2 ވަނަ ދުވަހު

  • 645 ސީޕްލޭން މޫމަންޓްސްވަނީ ރެކޯޑް ކުރެވިފައި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ސީޕްލޭން މޫމަންޓްސްގެ އައު ރެކޯޑެއް ހަދައިފިއެވެ. މިރެކޯޑް ހަދާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނީ، މިދިޔަ އަންގާރަ ދުވަހު 649 ސީޕްލޭން ވީއައިއޭއަށް ޖައްސައި އަދި ފުރާފައިވާކަމަށެވެ. މިއީ މިހާތަނަށް ވީއައިއޭއަށް ރެކޯޑް އަދަދެއްގެ ސީޕްލޭން މޫމަންޓްސް ކަމަށް އެމްއޭސީއެލް ބުނެއެވެ.

މީގެކުރިން ވީއައިއޭއަށް އެންމެ ގިނައިން ސީޕްލޭން މޫމަންޓްސް ރެކޯޑް ކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އެ ދުވަހު ރެކޯޑްކުރެވިފައިވަނީ 635 ސީޕްލޭން މޫމަންޓްސް ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންއެވެ. ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒު ހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިންނެވެ. އަދި މި އަމާޒު ވަނީ ހާސިލްވެފައެވެ. އަދި މިއަހަރު އަމާޒަކީ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުންކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.