ޚަބަރު

ނައިބު ރައީސް މޮންޓެނިގްރޯއަށް ކުރެއްވި ދަތުރުފުޅަށް ޚަރަދުވީ 589000 ރުފިޔާ


  • މިއީ މޮންޓެނިގްރޯގެ ރައީސްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެއް

  • 3 ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެވަޑައިގެންނެވި

  • މިދަތުރުފުޅުގައި 5 ބޭފުޅުންވަނީ ބައިވެރިވެވަޑައިގަންނަވާފައި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، މޮންޓެނިގްރޯއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 589،000 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރައްވާފައިވާ ޚަރަދު ތަފްސީލުގައިވާގޮތުން މިދިޔަ ޑިސެމްބަރު މަހުގެ 23 އިން 27 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ދަތުރުފުޅަށް ޖުމްލަ 589،736 ރުފިޔާވަނީ ޚަރަދުވެފައެވެ.

އެގޮތުން ބިޒްނަސް ކްލާހުގެ 5 ޓިކެޓަށް 492،746.10 ރުފިޔާ އަދި އެބޭފުޅުންގެ ޕޮކެޓް މަނީގެ ގޮތުގައި 64،638 ރުފިޔާވަނީ ޚަރަދުކޮށްފައެވެ. އަދި މޮންޓިނީގްރޯގައި ކެއުމުގެ ކަންކަމަށް 23،823.72 އަދި އިސްތަންބޫލުގައި ކެއުމަށް 7895.07 ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރިޕަބްލިކް އޮފް މޮންޓެނީގްރޯއަށް ރަސްމީ ދަތުރުފުޅެއްކުރެއްވީ ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށް އެ ޤައުމުގައި ބޭއްވި ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް ގައި ބައިވެރިވެވަޑައިގަތުމަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ގޮވާލައްވާފައެވެ.

ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.