2 ހަފްތާގެ ޗުއްޓީއަކަށްފަހު ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ސްކޫލްތަކުގައި ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި މިވަނީ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު 17 ދުވަހަށް ފަހުގައެވެ.
ސްކޫލްތަކުގައި ދެވަނަ ޓާމްގެ ކިޔެވުން ފެށިއިރު ދަރިވަރުންނަށް ދަތިނުވާނެހެން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ފުރަތަމަ ޓާމްގެ ކިޔެވުމަށްފަހު ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ޤައުމީ ސަލާމްއިންނެވެ. އަދި، ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގައި ކޮންމެ ދަންފަޅިއެއްގެ ކިޔެވުން ފަށާއިރުވެސް ޤައުމީ ސަލާމުން ފަށާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށާއި، ޤައުމުދެކެ ލޯބިވާ ދަރިވަރުންތަކެއް އުފެއްދުމަށްޓަކައި ޤައުމީ ސަލާމުން ކިޔެވުން ފަށަން ނިންމަވާފައެވެ.
މީގެ ކުރިންވެސް އެސެމްބްލީ އޮންނަ ދުވަސްތަކުގައި ޤައުމީ ސަލާމުން އެސެމްބްލީ ނިންމައެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުމަށް ފަހު ޤައުމީ ސަލާމް ކިޔާނެއެވެ.
84000 އަށްވުރެ ގިނަ ދަރިވަރުންނާއެކު 2023-2024 ވަނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 6 ވަނަ ދުވަހުގައެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 ދަރިވަރުން ތަޢުލީމު ހާސިލު ކުރަމުންދާއިރު، އޭގެތެރެއިން 25,000 އަށް ވުރެ ގިނަ ދަރިވަރުންނަކީ މާލޭ ސަރަޙައްދުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނެވެ.
ސަރުކާރުން ވަނީ ދިރާސީ އަހަރުގެ ކިޔެވުން ކުރިންވެސް އޮންނަ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށް ނިންމަވާފައެވެ. އަދި ރަމަޟާންމަހުގެ ފަހު 10 އެއް ސަރުކާރު ބަންދުކުރަން ނިންމެވުމާއެކު އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ދެވަނަ ސެމިސްޓަގެ ކިޔެވުން ޖޫން މަހުގެ 13 ވަނަ ދުވަހަށް ނިމޭގޮތަށް އޮތް އޮތުން ބަދަލުވުމަކީ އެކަށީގެންވާކަމެކެވެ. އަދި 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން 31 ޖުލައިގައި ފަށަން އޮތް އޮތުންވެސް ބަދަލުވެދާނެއެވެ.