ޚަބަރު

މެދުއިރުމަތީގައި ބައިތިއްބާނެ އެމެރިކާ ސިފައިންގެ ޢަދަދު މުރާޖާކުރަނީ


އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައަށްފަހު މެދުއިރުމަތީގައި އެމެރިކާ ސިފައިން ބައިތިއްބާނެ ޢަދަދު މުރާޖާކުރުމުގެ މަސައްކަތް އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓަގަނުން ފަށާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަމުގެ މަޢުލޫމާތު އެނގޭ މަޞްދަރުތަކާ ޙަވާލާދީ އެމެރިކާގެ ނޫސް، ދި ވޮޝިންގޓަން ޕޯސްޓުން ބުނީ، ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ ޤައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ބައިތިއްބާފައިވާ އިސްތިޢުމާރީ ސިފައިންގެ ޢަދަދަށް ބަދަލުގެނައުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އީރާނުގެ ރައްދު ހަމަލާތަކުގައި އެމެރިކާއިން ބޭނުންކުރާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ގަލްފުގެ ޤައުމުތަކުގައި ހުރި މަރުކަޒުތަކުގައި ބައިތިއްބާ ސިފައިންގެ ޢަދަދު މަދުކުރުމާމެދު ޕެންޓަގަނުން ވިސްނަމުންދާ ކަމުގައި ދި ވޮޝިންގޓަން ޕޯސްޓުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެ ނޫހާ ވާހަކަދެއްވި ބަޔެއް މަޞްދަރުތަކުން ބުނީ، މެދުއިރުމަތީގެ ހަނގުރާމައަކީ، އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި، ބައިތިއްބާފައި ތިބޭ ސިފައިންގެ ޢަދަދާއި ޙާލަތު އަލުން މުރާޖާކުރުމަށް ލިބުނު ފުރުޞަތެއް ކަމުގައެވެ. އަދި، މުރާޖާއަށްފަހު، ގެއްލުން ލިބިފައިވާ އަސްކަރީ މަރުކަޒުތައް އިހުހުރި ޙާލަތައް އަލުން ތަރައްޤީ ނުކުރުމަށް ނިންމުން އެކަށީގެންވާ ކަމުގައި ވެސް މަޞްދަރުތަކުން ބުނެއެވެ. މި ކަމުގެ މުރާޖާކުރަމުން ދަނީ ޕެންޓަގަންގެ ޕޮލިސީ އޮފީހުންނެވެ. މި މަސައްކަތް ކުރިއަށްދާ ގޮތް، އެމެރިކާގެ އަސްކަރިއްޔާގެ ޖޮއިންޓް ސްޓާފާއި ސެންޓްރަލް ކޮމާންޑުން ބަލަމުންދާ ކަމުގައި ވެސް މަޞްދަރުތަކުން ބުނެއެވެ.

މިއީ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުގެ އަމުރަކަށް ކުރަމުންދާ މުރާޖާއެއް ނޫން ކަމުގައި ޕެންޓަގަންގެ އިސް މަޞްދަރަކުން ހާމަކުރިއެވެ. ނަމަވެސް، މިއީ އީރާނުގެ ހަމަލާތަކުގައި ގެއްލުންވެފައިވާ މަރުކަޒުތައް އަލުން ބިނާކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމުގައި އެހީތެރިވެދޭނެ "ވިސްނުންތެރި ރޭވުމެއް" ގެ ގޮތުގައި މަޞްދަރުތަކުން ސިފަކުރެއެވެ. ހަނގުރާމައާ ގުޅިގެން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ފަދަ މުރާޖާއެއްކޮށް، އެ ތަންތަނުގެ ކުރިމަގާމެދު މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ކަން ވެސް މަޞްދަރުތަކުން ފާހަގަކުރެއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެމެރިކާގެ އެންމެ ގިނަ އަސްކަރީ މަރުކަޒުތައް ހުރީ ގަލްފުގެ ޤައުމުތަކުގައެވެ. މި ގޮތުން، އުރުދުނުން ފެށިގެން ޢުމާނާ ދެމެދު އެ ސަރަޙައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން 20 މަރުކަޒެއް ބޭނުންކުރަމުންދާއިރު، އެ ތަންތަނުގައި 40,000 އަށްވުރެ ގިނަ އިސްތިޢުމާރީ ސިފައިން ބައިތިއްބާފައި ތިބެއެވެ. އެންމެ ބޮޑެތި މަރުކަޒުތައް ހުރީ ބަޙްރައިނާއި ކުވައިތުގައެވެ. އަދި، ޞިހްޔޫނީން ރުއްސުމުގެ ގޮތުން އީރާނަށް ހަމަލާދިނުމަށް އެމެރިކާއިން ވަނީ އެ ސަރަޙައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވާފައެވެ. މީގެ ތެރޭގައި އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރާއި، ގިނަ ޢަދަދެއްގެ އަސްކަރީ މަތިންދާބޯޓާއި ދިފާޢީ ނިޒާމުތައް ހިމެނެއެވެ. އަދި، ހަނގުރާމައިގެ ތެރެއިން އީރާނަށް އަމާޒުކޮށް 13,000 އަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ.