ޚަބަރު

ރޯދަމަހުގެ ފަހު 10އެއް ބަންދުވުމުން، އެކެޑަމިކް ކަލަންޑަރަށް ބަދަލުތަކެއް


  • އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެ

  • މިހާރު އޮތް ކަލަންޑަރުން ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫން 13 ގައި

  • އެކަޑަމިކް ކަލަންޑަރަށް އަންނަ ބަދަލު ވަރަށް އަވަހަށް އަންގާނެ

ރަމަޟާންމަހުގެ ފަހު 10 ބަންދުވުމާއެކު އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް އަންނާނެކަމަށާއި އަންނަ ބަދަލުތައް މިހަފްތާތެރޭ އާންމުކުރައްވާނެކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރުން ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީމަހަށް ބަދަލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގެ ޗުއްޓީއަށްފަހު މިއަދު މިވަނީ 2 ވަނަ ޓާމްގެ ކިޔެވުން ފަށާފައެވެ. ދެވަނަ ޓާމްގެ ކިޔެވުން ފަށާފައިވަނީ ސްކޫލްތަކުގެ ހުރިހާ ތައްޔާރީތަކަކާއެކުގައި ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމުގައި ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ، ކަރިކިއުލަމްގައިވާ ލަނޑުދަނޑިތައް ހާސިލްކުުރުމަށާއި ދެވަނަ ޓާމްގައި ދަރިވަރުންނަށް ކިޔަވައިދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެން ނުދާނެކަމަށެވެ. ވަޒީރު ވިދާޅުވީ ބައެއް ބިދޭސީ ޓީޗަރުން ޗުއްޓީއަށް ގޮސް ވަޒީފާއިން ކެނޑުނުކަމަށާއި، އެ މަޤާމަށްވެސް އައު މުދައްރިސުން ހަމަޖައްސާފައިވާކަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ މުދައްރިސުންވެސް ތަޢުލީމީ ޓީމާ ގުޅިވަޑައިގަންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމާއެކު އެކަޑަމިކް ކަލަންޑަރަށް ބަދަލުތައް އަންނާނެކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި އަންނަ ބަދަލުތައް ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންނަށްވެސް އަންގަވާނެކަމަށެވެ.

"މީގެއިތުރަށްވެސް ކަލަންޑަރަށް ބަދަލުތަކެއް އައުން އެކަށީގެންވޭ. މިހާރުވެސް ވާނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޕްރިންސްޕަލުންނާއި ބައްދަލުކޮށް ކަލަންޑަރަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި. އެންއައިއީ އާއެކު، ކަމާ ގުޅޭ އެޑިއުކޭޝަން މިނިސްޓްރީގެ އެހެނިހެން ޓީމްތަކާއި އެސްއޭގެ ޓީމްތަކާއެކު ވަނީ މަޝްވަރާކޮށްފައި." ތަޢުލީމީ ކަންތައްތައް ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

ތަޢުލީމީ ނިޒާމުން ކިޔަވައިގެން ނުކުންނަ ކޮންމެ ކުއްޖަކީ ދިވެހި ޤައުމު ލޯބިވާ ދިވެހިންގެ ވިސްނުމުގައި ރާއްޖެއަށް ޚިދުމަތް ކުރުމުގެ ދަރިއަކަށް ވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ. އަދި ދެވަނަ ސެމިސްޓައިން ފެށިގެން ބައްޓަންކުރަމުންދާނީ ޤައުމު ދެކެލޯބިވާ ޤައުމަށް ޚިދުމަތް ކުރާނެ ދަރިންތަކެއް އުފެއްދުމުގެ ވިސްނުމުގަކަމަށެވެ.

ވަޒީރު ވިދާޅުވީ އެ މަގަށް ވާސިލުވުމަށްޓަކައި ކުރާ މަސައްކަތްތައް ކުރިއަށްގެންދާނީ އެކަމާ ގުޅުންހުރި ހުރިހާ އެންމެންނާއެކުގައިކަމަށެވެ. އަދި އެއާއެކު މިހާރު ހާސިލުކުރާ ކަންތައްތަކަށްވުރެ ޤައުމަށް ފައިދާވާނެ ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކޮށްފައިވަނީ، 2021 ވަނަ އަހަރެވެ. ކޯވިޑްގެ ޙާލަތުގައި އަހަރަކާއި ހަ މަހަށް، 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދިގު ދަންމާލުމަށްފަހުގައި، 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށީ، އެ އަހަރު އޮގަސްޓް 10ވަނަ ދުވަހުއެވެ.

އޭރު ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ބޭނުންވި އެއް ސަބަބުގެ ގޮތުގައި، ރިސޯޓްތަކުގެ އޮފް-ސީޒަނާއި ދިމާކޮށް ޗުއްޓީ ލިބޭނެ ގޮތް ހެދުންވެސް ހިމެނެއެވެ. އެއިރުން ފެށިގެން ކޮންމެ އަހަރަކުވެސް ދިރާސީ އަހަރުގެ ކިޔެވުން ފަށަނީ އޯގަސްޓްމަހުގައެވެ.

މިހާރު އޮތް އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ސެމިސްޓަގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. އަދި 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ 31 ޖުލައިގައެވެ.