ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ ގދ އަތޮޅަށް ކުރެއްވި ދަތުރުފުޅު


ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމްގެ މި ދަތުރުފުޅުގައި އެކަމަނާ ވަނީ 11 ސުކޫލަށް ވަޑައިގެން، ސްކޫލްތަކުގެ ހާލުބައްލަވާލައްވާފައެވެ. މިނިސްޓަރ ގދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒަށާއި، އަބޫބަކުރު ސްކޫލަށާއި، ތިނަދޫ ސްކޫލަށާއި، މަޑަވެލި ސްކޫލަށާއި، ހޯޑެއްދޫ ސްކޫލަށާއި، ނަޑެއްލާ ސްކޫލަށާއި ވާދޫ ޖަމާލުއްދީން ސުކޫލަށާއި، ފިޔޯރީ ސްކޫލަށާއި، ރަތަފަންދޫ ސްކޫލަށާއި، ގައްދޫގައި ހުންނަ އަތޮޅު މަދުރަސާ އަދި ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސުކޫލަށް ވަޑައިގެންފައެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި އަދި ރަށު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އަދި ސްކޫލްތަކަށް ދިމާވަމުންދާ ދަތިތަކާއި، ސްކޫލްތަކަށް ބޭނުންވެފައި ހުރި ބައެއްކަންތައްތަކުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލްތަކާއި މިނިސްޓަރ ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ކިިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާއި ބެހޭ ގޮތުންނާއި، ސުކޫލަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވާ އިރު، މި މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސުކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ވަނީ ފޯރުކޮށްދެއްވާފައެވެ.

މީގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސްކޫލްތަކުގައި އެ މަސައްކަތްތަކާއި ހަވާލުވެ ތިބި މުއައްޒިފުންނަށް ވަނީ ފޯރުކޮށްދެއްވާފައެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.