ޚަބަރު

ޙައްޖާއި ޢުމްރާގެ ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަޒީރު ސަޢުދީއަށް


  • ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެ

  • އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ

  • ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމަށް މަޝްވަރާކުރައްވާނެ

ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރާއްޖެއާއި ސަޢޫދީ އަރަބިއްޔާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢޫދީ ޢަރައްބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި ޙައްޖު އަދި ޢުމްރާއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ އެ ޤައުމުގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްއަކީ ޙައްޖާއި ޢުމްރާއާ ގުޅޭ ފާހަގަކޮށްލެވޭ ނިންމުންތައް ނިންމާ ފަރާތްތަކާއި، ތަޖުރިބާކާރުންނާއި، ޢިލްމުވެރިންނާއި، ދިރާސާވެރިންނާއެކު ސައިންޓިފިކް ސެޝަންތަކާއި، ވޯކްޝޮޕްތަކާއި، ތަމްރީނު ސެމިނާތައް ހިމެނޭ ގޮތަށް ބާއްވަމުން އަންނަ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. މި ފަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 8 އިން 11 ވަނަ ދުވަހުގެ ނިޔަލަށް ސައުދީ ޢާރައްބިއްޔާގެ ޖިއްދާގައެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޑރ. ޝަހީމް ވިދާޅުވީ، މި ދަތުރުފުޅުގައި ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެކަމަށެވެ. އަދި ކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާތީ، އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއާއި އޭގެ ދަށުން ހިނގާ ބައެއްތަންތަން، އޭގެ ތެރޭގައި އިންޓަރނޭޝަންލް ފިޤްހު އެކަޑަމީއާއި ،އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި، އިސްލާމިކް ސޮލިޑަރިޓީން ފަންޑާއި މިފަދަ ބައެއް މުއައްސަސާތަކަ ބައްދަލުކުރާގޮތަސް ވަނީ ހަމަޖެހިފައި. އިސްލާމީ ޤައުމުތަކުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އަންނަ އިސްވެރިންނާވެސް ބައްދަލުކާގޮތަށް ވަނީ ހަމަޖެހިފައި." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ރާއްޖެއިން ކޮންމެ އަހަރަކުވެސް ގިނަ ޢަދަދެއްގެ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށްދެއެވެ. އަދި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ބޭނުންކުރެއެވެ.

މިހާތަނާ ޖެހެންދެންވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދަނީ ޙައްޖު ކޯރޕަރޭޝަންގެ އިތުރުން، އަމިއްލަ ކުންފުނިތަކަށްވެސް އެ ފުރުޞަތު ދީގެންނެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމަވާފައިވަނީ ރާއްޖެއަށް ލިބޭ 1000 ކޯޓާ، ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި އެކަނި ޙައްޖަށް ފޮނުވުމަށެވެ. އަދި މިއަހަރު ސަރުކާރުގެ ޚަރަދުގައި 50 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.