މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް މުބާރާތުން މުއައްޒިން ވަކިވެއްޖެ


މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ޔަޤީންވެ، މުޙައްމަދު މުއައްޒިން ނަޢީމް މި މުބާރާތުން ވަކިވެއްޖެއެވެ.

ގާލާ ރައުންޑުގެ 7 ވަނަ ޝޯވގައި ވާދަކުރި 6 ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް ޝޯވއަށް ދަތުރުކުރި ބައިވެރިން އިޢުލާންކޮށްފައި ވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގައެވެ.

އެގޮތުން މިރޭގެ އެލިމިނޭޝަން ޝޯވގައި، އެންމެ ދަށުން މާކްސް ލިބިގެން "ޑެންޖަރ ޒޯން" މުހައްމަދު އިޝާން، މުޙައްމަދު މުއައްޒިން ނަޢީމް އަދި ޢަބްދުﷲ ފާލިޙް އާދަމް ދިޔައިރު، މި 3 ބައިވެރިންގެ ތެރެއިން މި ޝޯވއިން ވަކިވެފައިވަނީ މުއައްޒިނެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 7 ވަނަ ޝޯވ "ޑިސްކޯ ނައިޓް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ފޯރިގަދަ ހުށައެޅުންތަކެއް ފެނިފައިވެއެވެ. މި ޝޯވގެ 3 ޖަޖުންގެ އިތުރުން، ގާލާ ރައުންޑުގެ ރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ޒުވާން ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް ބައިވެރިވެފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14602286210747.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 7 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މިރޭގެ އެލިމިނޭޝަން ނައިޓު "ލަވް ސޯންގްސް" މި ތީމަށް ޚާއްސަކޮށްފައިވާއިރު، ދިވެހި މިއުޒިކް އިންޑަސްޓްރީގައި މިވަގުތު ތިބި އެންމެ ފުންނާބުއުސް ފަންނާނުންތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ ފާތުމަތު ޒޫނާ ގެސްޓް ޖަޖެއްގެ ގޮތުގައި ވަނީ ފެނިގެންގޮސްފައެވެ.

މީގެ އިތުރުން މި މުބާރާތުގެ އެހެން ޝޯވތަކާއި ޚިލާފަށް މިރޭގެ ޝޯވގައި ވަރަށް ބޮޑު ތަފާތުކަމެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން މިރޭގެ ޝޯވގައި ގަދަ 6 ގައި ވާދަކުރި ބައިވެރިން ލަވަ ހުށައަޅާދީފައި ވަނީ މަޝްހޫރު 2 ލަވަކިޔުންތެރިން ކަމުގައިވާ އައިޝަތު މާއިން ރަޝީދު އަދި ޙަސަން ޠަލާޤާއެކުގައެވެ.

img:http://s2.psmnews.mv/images/660x400/14602286609251.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 7 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓްގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ގަދަ 12 ބައިވެރިންނާއެކު ފެށުނު މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑު މިހާތަނަށް އައިއިރު، މުއައްޒިންގެ އިތުރުން، 6 ބައިވެރިޔަކު ވަނީ މި މުބާރާތުން ވަކިވެފައެވެ. އެ ބައިވެރިންނަކީ މުހައްމަދު އިފްހާމް އަޝްފާޤް، ފާތުމަތު ނައްބަތު، އަހުމަދު ނަޒީޙު، ފާތުމަތު އަޒްލީމާ، ޢިބްރާހިމް އަމާން އަދި ޢަބްދުﷲ ސޯދިޤެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ. ގަދަ 5 ބައިވެރިންނާއެކު ގާލާ ރައުންޑުގެ 8 ވަނަ ޝޯވދެއްކުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވާ ހުކުރު ދުވަހުގެ ރޭގައެވެ.

img:http://s4.psmnews.mv/images/660x400/14602287600089.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 7 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓްގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.